Advertisement

ޝަކީލުގެ އާއިލާ ބޭފުޅުން ހައްޖަށް ގެންދިޔުން ޝަހީމް ދިފާއުކޮށްފި

12 އޮގަސްޓު 2025 - 10:59 6

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް


ޝަކީލުގެ އާއިލާ ބޭފުޅުން ހައްޖަށް ގެންދިޔުން ޝަހީމް ދިފާއުކޮށްފި

12 އޮގަސްޓު 2025 - 10:59 6

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލުގެ އާއިލާ ބޭފުޅުން ހައްޖަށް ގެންދިޔުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ދިފާއުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ވަކި އާއިލާއަކަށް ނުވަތަ ވަކި މީހަކަށް ބަލައިގެން އެއްވެސް އިރެއްގައި ހައްޖު ކޯޕަރޭޝަނުން ކޯޓާތައް ދީފައި ނުވާނެ ކަމަށެވެ.

"އާދެ ހައްޖު ކޯޓާ ފޯރުކޮށްދިނުމަށް ވަކި އާއިލާއަކަށް ވަކި މީހަކަށް ބަލައިގެން އެކަމެއް ނުކުރޭ. އެއްވެސް އިރެއްގައި. އަދި އުސޫލުތަކެއް ވެސް އެގޮތަކަށް ތަނެއް ނުދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ހާއްސަ ހާލަތަށް ރިޒާވް ކޮށްފައި ހުންނަ ކޯޓާތައް ވެސް ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީން ބޭނުންވާ ބަޔަކަށް ނުދޭނެ ކަމަށާއި ސަރުކާރުން ހައްޖު ކޯޓާތައް ދޫކުރުމުގައި އަމަލުކުރަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންކަމުން ވަކި ބޭފުޅެއްގެ އާއިލާ މީހަކަށްވީތީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފުރުސަތެއް ނުދޭނެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެސް އެ ފުރުސަތެއް ނުދޭނެ. ސަރުކާރުން ހާއްސަ ހާލަތަށް ރިޒާވް ކޮށްފައި ހުންނަ ކޯޓާގެ ތެރެއިން ވެސް،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"ކޯޓާއާ ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއް ނޫން. ކޯޓާގެ ކަންތައްތަކަކީ ވަރަށް އިންސާފުވެރިކަމާއެކު ކަނޑައެޅިފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ހަވާލުކުރެވޭ ކޯޓާއެއް. އެހެންކަމުން އެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުދެކެން."

މީގެ އިތުރުން ޝަހީމް ވިދާޅުވީ ހައްޖަށް ދާ މީހުންގެ އެހީތެރިން ހައްޖު ކޯޕަރޭޝަނުން ކަނޑައަޅަނީ އިއުލާން ކުރެވިގެން ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށްގެން، އޭގެ ތެރެއިން ވެސް ގައިގައި ވަރުހުރި ގަދަފަދަ މީހުން ކަމަށެވެ.

"ހައްޖުގެ އެހީތެރިން ނެގުމުގައި ވަކި ކަހަލަ އުސޫލުތަކެއް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައި އިއުލާން ކުރެވިގެން ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކޮށްގެން ގައިގައި ވަރުހުރި ގަދަފަދަ މީހުން އެހީތެރިންގެ ގޮތުގައި ގެންދަން މިޖެހެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ. އަހުމަދު ސަލީމް (މާޒް ސަލީމް) ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ޝަކީލްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ވެސް މި އަހަރު ހައްޖަށް ދިޔަ ކަމަށާއި ސަރުކާރުގެ ހަރަދުގައި އެ ކުންފުނީގެ ވެރިންނާއި ބޯޑު މެންބަރުން ވެސް ކިއުގައި ނުޖެހި ހައްޖަށް ދިޔަ ކަމަށެވެ.

ޝަކީލްގެ ކޮއްކޮ ދިޔައީ އެހީތެރިއެއްގެ ގޮތުގައި ކަމަށް މާޒް ސަލީމްގެ އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެ އެވެ. އެހީތެރިން ހޮވުމުގައި ވަކި ލިސްޓެއް ހަދައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތެރިންނަށް ފުރުސަތު ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި، ލިސްޓުގައި ޖެހިފައި ތިބި ހައްޖު ވާޖިބު އެތައް ބަޔަކަށްވުރެ ކުރިން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހައްޖަށް ދިޔަ އެވެ. އެ މީހުން ގޮސްފައި ވަނީ އެހީތެރިންގެ ގޮތުގަ އެވެ.

އެކަމާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތު އެ ކޯޕަރޭޝަނަށް އަމާޒުވި އެވެ. އަދި، ޝަކީލްގެ އާއިލާގެ ބަޔަކު ހައްޖަށް ގެންދިޔުމުގައި މަގާމުގެ ހައިސިއްޔަތާއި ނުފޫޒު ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.