12 އޮގަސްޓު 2025 - 10:02 0
12 އޮގަސްޓު 2025 - 10:02 0
ލަންޑަން (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލް ބަލިކޮށް، ކްރިސްޓަލް ޕެލަސް އިން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށް ބޮޑު ކާމިޔާބެއް ހޯދި ފަހުން، ޔުއެފާ އިން ގޮތް ނިންމައި، ޔޫރޮޕާ ލީގުން ޕެލަސް ބޭރުކުރަން ޔުއެފާ އިން ނިންމި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ދަމަހައްޓައިފި އެވެ.
މިދިޔަ ސީޒަނުގައި، މެންޗެސްޓާ ސިޓީ ބަލިކޮށް، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ޕެލަސް އަށް ޔޫރޮޕާ ލީގުން ޖާގަ ލިބިގެންދިޔަ އެވެ. އެކަމަކު، ޔުއެފާގެ ގަވާއިދު އޮތްގޮތުން، ޕެލަސް އެ މުބާރާތުން ބޭރުކުރަން ނިންމީ އެވެ.
ޔުއެފާ އިން މި ގޮތަށް ނިންމީ، އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް (އެއް ކްލަބަށް ވުރެ ގިނަ ޓީމު ހިންގާ ކުންފުނިތަކަށް) ހަދާފައި އޮތް ގަވާއިދުގެ ތެރެއިން ޕެލަސް ނުފެތޭތީ އެވެ. އެ ގޮތުން، ޔުއެފާގެ ގަވާއިދުގައި އޮތީ އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭ ގޮތަށެވެ. ލިޔޯނާއި ޕެލަސްގައި ވެސް ވިޔަފާރިވެރިޔާ، ޖޯން ޓެކްސްޓާގެ ހިއްސާ، މާޗް އެއް ވަނަ ދުވަހަށް ހަމަވާ މުއްދަތުގެ ތެރޭގައި އޮތުމުން ޔުއެފާ އިން ޕެލަސް ޑީމޯޓްކޮށްލަން ނިންމީ އެވެ.
މާލީ ކަންކަމާ ހިލާފުވެގެން، ލިޔޯން ރެލިގޭޓްކުރަން، ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން ނިންމި ނިންމުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ، ލިޔޯނުން އެޕީލް ކާމިޔާބު ކުރުމާ އެކު އެވެ. ލިޔޯން ރެލިގޭޓްކުރަން ނިންމި ނިންމުން ބަދަލުވުުމުން، އެ ޓީމަށް ޔޫރޮޕާ ލީގުން ލިބިފައި އޮތް ޖާގަ ކަށަވަރުވެ، ޕެލަސް އަށް އެ މުބާރާތުގެ ދޮރު ބަންދުވީ އެވެ.
އޭގެ ފަހުން، ޕެލަސް އިން ވަނީ މި މައްސަލަ ކާސް އަށް ހުށަހަޅައިފަ އެވެ. ކާސް އިން 10 ގަޑިއިރުގެ އަޑުއެހުމަކަށް ފަހު ނިންމީ، ޕެލަސް އަށް ޔޫރޮޕާ ލީގުން ޖާގަ ނުދިނުމަށާއި، ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި އެ ޓީމު ކުޅޭ ގޮތަށެވެ. ޕެލަސް އިން މި މައްސަލައިގައި ކުރިއަށްދާނެ ގާނޫނީ ލަފާ ހޯދަން މަސައްކަތް ވަނީ ފަށައިފަ އެވެ.
ޕެލަސް އަށް ޔޫރޮޕާ ލީގުން ލިބިފައި އޮތް ޖާގަ ދޭން ނިންމާފައިވަނީ، ނޮޓިންހަމް ފޮރެސްޓް އަށެެވެ. ޕްރިމިއާ ލީގުގެ އާ ސީޒަނުގައި، ޕެލަސް އިން ކުޅޭ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ފޮރެސްޓާ އެވެ.
ކޮންފަރެންސް ލީގުގެ ޖާގަ ހޯދަން ޕެލަސް އިން ކުޅެން ޖެހެނީ، ޑެންމާކުގެ މިޓްޔައެލަންޑާއި ނޯވޭގެ ފްރެޑްރިކްސްޓަޑް ކުޅޭ ޔޫރޮޕާ ލީގުގެ ކޮލިފައިން މެޗުން ބަލިވާ ޓީމަކާ އެވެ.
Comment