12 އޮގަސްޓު 2025 - 10:21 0
އަމަން ހަލީމް
ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރަނީ: މިހާތަނަށް 450 އަށް ވުރެ ގިނަ ވަކީލުންނަށް ބާ ކައުންސިލުން ހުއްދަ ދީފި -- ފޮޓޯ: ބާ ކައުންސިލް
12 އޮގަސްޓު 2025 - 10:21 0
ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ފުރިހަމަ ކުރި ކަމުގެ ރިޕޯޓު ހުށަނާޅާ ސުޕަވައިޒަރުން ޖޫރިމަނާކޮށް، ތަމްރީނު ބަލައިގަތުމާ މެދު ގޮތް ނިންމުމުގެ ބާރު ލައިސެންސިން ކޮމިޓީއަށް ލިބޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ބާ ކައުންސިލުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިދަށް މި ބަދަލު ގެނައީ، ތަމްރީނު ރިޕޯޓު ހުށަނާޅައިގެން ހުއްދަ ލިބުނު ލަސްވުމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. ގަވާއިދަށް ގެނައި ބަދަލާއެކީ ސުޕަވައިޒަރު ރިޕޯޓު ހުށަނާޅާ ހާލަތުގައި ލައިސެންސިން ކޮމިޓީއަށް ހައްލެއް ދެވޭނެ އެވެ.
ގަވާއިދު ބަދަލުކުރި ނަމަވެސް އާ ގަވާއިދަށް އަމަލުކުރަން ފަށަން އޮތީ އަންނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން މި ގަވާއިދު ހިނގާނީ އަންނަ އަހަރު ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ މީހުންނަށެވެ.
ރިޕޯޓުތައް ހުށަނާޅާ ސުޕަވައިޒަރު ޖޫރިމަނާ ކުރުމުގެ އިތުރުން، ސުޕަވައިޒަރެއްގެ ގޮތުން މަސައްކަތްކުރުން އަހަރު ދުވަހަށް ހުއްޓުވުމުގެ ބާރު ވެސް އެގްޒެކެޓިވް ކައުންސިލަށް ލިބެ އެވެ.
ބާ ކައުންސިލު ވުޖޫދުވީ ފަހުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބެނީ، ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއެކީ ގާނޫނީ ވަކީލުކަމުގެ އަމަލީ ތަމްރީނު ހޯދައި ބާ އިމްތިހާނުން ފާސްވުމުންނެވެ. މި ގޮތުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަނީ އާންމުކޮށް އަހަރަކު އެއް ފަހަރެވެ.
Comment