12 އޮގަސްޓު 2025 - 08:08 0
12 އޮގަސްޓު 2025 - 08:08 0
އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭއޮފް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުރިހާ ފޯކަސް އެއް ހުރީ ކުވެއިތުގެ އަލް އަރަބި އަތުން މޮޅުވުމަށް ކަމަށް މާޒިޔާގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުވައިތުގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރިއިރު، މާޒިޔާ އިން ގްރޫޕްގެ ދެ ވަނަ މެޗުގައި ނުކުތީ އަލް އަރަބިއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ކުޅުނު މާޒިޔާ ކޮޅަށް، އަލް އަރަބިއާ އިން މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ.
އަލް އަރަބިގެ ކޯޗު، މާކޯ އަލްވޭސް ވަނީ މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި މާޒިޔާ ކުޅުނު ތިން މެޗުގެ ވެސް ވީޑިއޯތައް ބެލި ކަމަށާއި އެ މެޗުތަކުގައި ވެސް ރަނގަޅަށް ކުޅެ، ނަތީޖާ ނުނެރެވުނު ކަމަށް ބުނެފަ އެވެ. އެކަމާ ގުޅޭގޮތުން، މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފައިވަނީ، 2021 ވަނަ އަހަރުން ފެށިގެން މާޒިޔާ ކުޅެފައި ހުރި ގިނަ މެޗުތަކެއް ބެލިފައިވާ ކަމަށާއި ކަންކަން ހިނގާފައި ހުރި ގޮތް އެނގިފައިވާ ކަމަށެވެ.
"ކޯޗު ވެސް ތިކަން (ރަނގަޅަށް ކުޅެވޭކަން) ފާހަގަކުރި، ރިޒަލްޓޭ ނާންނަނީ، ރަނގަޅަށް ކުޅެފައި. އެހެންވީމަ މި ފަހަރު (ޑިފެންސް ކުރަމުން) އެޓޭކަށް ވެސް ވަރަށް ރަނގަޅަށް ވިސްނައިގެން. ކޯޗުގެ އިރުޝާދުގެ ދަށުން އެ ބައި ވެސް ރަނގަޅުުކުރަމުން މި އަންނަނީ،" މިއަދުގެ ޕްލޭއޮފް މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމުއްޓެ ބުންޏެވެ.
މާޒިޔާ އިން އެންމެ ފަހުން ރަސްމީ ވާދަވެރި މެޗުތަކެއް ކުޅެފައިވަނީ، މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕްގަ އެވެ. ޗެލެންޖް ލީގަށް ތައްޔާރުވާން އަލް އަރަބިން އަބޫ ދާބީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް، ތިން މެޗު ކުޅުނެވެ. މާޒިޔާ އިން ރާއްޖޭން ބޭރުގައި މެޗުތަކެއް ކުޅެވޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.
ސަމުއްޓެ ބުނީ، ތައްޔާރުވާން ލިބުނު ދުވަސްތަކުގެ ބޭނުން މާޒިޔާ އިން ރަނގަޅަށް ހިފައިފައިވާނެ ކަމަށެވެ.
"ވާދަވެރި މެޗުތަކެއް ނުލިބުން އެއީ ދިމާވާނެ މައްސަލައެއް، އެކަމަކު، އަނެއް ގޮތަށް ބަލާއިރު، މި މެޗަށް ޕްރެޕެއާ ވާން ވަރަށް ބައިވަރު ދުވަސްތަކެއް މި ލިބުނީ، އެހެންވީމަ، ކޯޗުގެ އިރުޝާދުގެ ދަށުން ވަރަށް ރަނގަޅަށް ޓީމު މި ދަނީ ތައްޔާރުވަމުން،" ސަމުއްޓެ ބުންޏެވެ.
އޭއެފްސީގެ މުބާރާތްތަކުގައި ގަވާއިދުން، މާޒިޔާ އިން ކުޅެމުން އަންނަތާ 10 ވަރަކަށް އަހަރާ ގާތްވާނެ އެވެ. ސަމުއްޓެ އަކީ ގިނަ އަހަރުތަކެއް ވަންދެން މާޒިޔާ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ބުނީ، އޭއެފްސީ މުބާރާތްތަކުގެ ތަޖުރިބާގެ ފައިދާ އަބަދުވެސް އޮންނާނެ ކަމަށެވެ.
"ވަރަށް ބޮޑު ކޮންފިޑެންސެއް، ކޮންމެ އަހަރަކު ވެސް މާޒިޔާ ކޮމްޕީޓް (ވާދަކުރޭ) އޭއެފްސީގައި. މި އަަހަރު ދެން މި އޮތީ ގްރޫޕް ސްޓޭޖަށް ވަންނަން މަސައްކަތް ކުރަން ޖެހިފައި. މި މެޗުން މޮޅުވެގެން ގްރޫޕް ސްޓޭޖަށް ވަދެވެން އޮތީ، އިރާދަކުރެއްވިއްޔާ މޮޅުވާނަން،" ސަމުއްޓެ ބުންޏެވެ.
ގަލޮޅު ދަނޑުގައި، މާޒިޔާ އާއި އަލް އަރަބި އިން އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ އެ މެޗު ފަށާނީ މިއަދު މެންދުރު ފަހު 15:00 ގަ އެވެ.
Comment