11 އޮގަސްޓު 2025 - 21:24 1
ރައީސް މުއިއްޒު. ކައުންސިލްތަކުން ބޭކާރު ހަރަދު ކުރަމުންދާ ކަމަށް އެކި ޕްލެޓްފޯމްތަކުގައި ގެންދަވަނީ ވިދާޅުވަމުން --- ފޮޓޯ: ރައީސް އޮފީސް
11 އޮގަސްޓު 2025 - 21:24 1
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރު ބާރުތަކެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން އެނގިއްޖެ އެވެ.
މިފަދަ ބިލެއް ހުށަހަޅަން ތައްޔާރުވަމުން މި އަންނަނީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން މިދިޔަ ހަފްތާގައި މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނިކޮށެވެ.
އެ ބިލު ރައީސް މުހައްމަދު މުއިއްޒު އަދި ތަސްދީގު ނުކުރައްވާއިރު ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ. އެ ބިލު ތަސްދީގު ނުކުރައްވަނީ ކީއްވެގެން ކަމެއް މިހާތަނަށް ރައީސް ހާމަނުކުރައްވަ އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލް ކުރާ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީގެ މެންބަރުންތަކެއް ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ދެން ހުރި ކައުންސިލްތަކުގެ އަތުގައި އޮތް އިތުރު ބާރުތަކެއް އަތުލަން އިތުރު ބިލެއް ހުށަހަޅާނެކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.
އެ ބިލުގެ މަސައްކަތްތައް ނިންމާލުމަށް މަޖިލީހުގެ ދެވަނަ ދައުރު ދަންމާލަން ނިންމާފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އޮގަސްޓު 15، ގައި މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ ދައުރަށް އެއް ހަފްތާ އިތުރުކުރާނެ އެވެ.
އެންމެފަހުން ފާސްކުރި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ދިނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތުގައި ވެސް ބައެއް ޖަމިއްޔާތަކާއި ކައުންސިލްތަކާއި ޕާޓީތަކުން ބިލާ މެދު ދެކޭ ގޮތް މަޖިލީހާ ހިއްސާކުރި އެވެ. ގިނަ މީހުން އެދުނީ ބިލު އަނބުރާ ގެންދިޔުމަށެވެ.
އަތޮޅު ކައުންސިލްތަކަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބު ކަމަށްވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ހަމަތައް ބަޔާންކުރާ ބާބުގެ ދަށުން އުފައްދާފައިވާ އިދާރާތަކެކެވެ. އަތޮޅު ކައުންސިލްގައި ހިމެނެނީ އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން އިންތިހާބުކުރާ އަތޮޅު ރައީސެއްގެ އިތުރުން އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނެވެ.
އެޕްރީލް މަހުގެ މެދުތެރޭ މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވަނީ އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުން ގެންގުޅުއްވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.
ރައީސް ބޭނުން ވަނީ 500 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުންސިލަރުން އަދި 500 އިން މަތީގެ އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިހާބު ކުރާގޮތަށް ގާނޫނު ބަދަލުކުރުމަށެވެ. ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ވާހަކަ މީގެ ކުރިންވެސް ރައީސް މުއިއްޒު ދެއްކެވި އެވެ.
އެ ގޮތުން، މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެއަށް އެކަށީގެންވާ މިންވަރަކަށް ކުޑަކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް މިފަހުން ފާސްކުރި ބިލުގައި ވަނީ އެ ކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
Comment