Advertisement

ކޭނަރީ ވަނީ އޮޑިޓުކޮށްފައި، އަގާ ގުޅޭގޮތުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް: އެންސިސް

11 އޮގަސްޓު 2025 - 20:32 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެންސިސް ކޭނިން ފެކްޓްރީ ހުޅުވި ދުވަހު އެ ތަނުގެ މުވައްޒަފުންތަކެއް. މީގެ ކުރިން އެންސިސްއިން ހާމަކޮށްފައިވާ ގޮތުގައި އެއީ 25 މިލިއަން ޑޮލަރުގެ އަގުހުރި ކޭނަރީއެއް --- ފޮޓޯ: ރައީސް އޮފީސް


ކޭނަރީ ވަނީ އޮޑިޓުކޮށްފައި، އަގާ ގުޅޭގޮތުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް: އެންސިސް

11 އޮގަސްޓު 2025 - 20:32 0

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ގަންނަން މަޝްވަރާ ކުރަމުންދާ ހުޅުމާލޭގައި ހުންނަ އެންސިސް ކޭނިން ފެކްޓްރީއަކީ އޮޑިޓުކޮށްފައިވާ ފެކްޓްރީއެއް ކަމަށާއި އެ ފެކްޓްރީގެ އަގާ ގުޅޭގޮތުން ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކޭނަރީ ގަންނަން އުޅޭކަން މިފްކޯއިން ހާމަކުރީ އޮގަސްޓު 9، ގަ އެވެ. ކޭނަރީ ގަތުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ނިމިފައިވާ ކަމަށް މިފްކޯއިން އެ ދުވަހު ބުނެފައި ވެ އެވެ. ކޭނަރީ ގަންނަ އަގެއް އެ ކުންފުނިން އެ ދުވަހު ހާމައެއް ނުކުރެ އެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންސިސްއިން ވަނީ އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބުނީ ކޭނަރީއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހުރި އެ ކުންފުނީގެ އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އެ ކޭނަރީ ގާއިމުކުރީ ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ އެހީގައި ކަމަށް އެންސިސްއިން ބުންޏެވެ.

"ފެކްޓްރީ ބަންދުކުރަން މަޖުބޫރުވިއިރު، އެ ފެކްޓްރީއަކީ ބައިނަލްއަގްވާމީ ސެޓިފިކޭޝަން ލިބިފައިވާ، އޮޑިޓް ކުރެވިފައިވާ، އަދި ބޭރުގެ އެކި މާކެޓުތަކަށް ދަޅުމަސް އެކްސްޕޯޓް ކުރަމުން އައި ހަރުދަނާ ވިޔަފާރިއެއް،" އެންސިސްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޭނަރީ އަގު ކުރުމުގައި ކޭނަރީ ހިމެނޭ ބިމާއި، މެޝަނަރީތަކާއި، އިންސާނީ ވަސީލަތްތަކާއި، ސަޕްލައި ކޮންޓްރެކްޓްތައް ވެސް ހިމެނޭނެ ކަމަށް އެންސިސް އިން ބުންޏެވެ.

"ކުންފުންޏަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށްޓަކައި، ފެކްޓްރީ ވިއްކާލުމަށް ނުވަތަ ތިންވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގުމަށް އެންސިސްއިން ދަނީ މަސައްކަތް ކުރަމުން. މިގޮތުން، މިފްކޯގެ އިތުރުން ޗައިނާ އާއި ސައުދީ އަރަބިއްޔާގެ ކުންފުނިތަކާ މަޝްވަރާތައް ކުރިއަށްދޭ،" އެންސިސްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޭނަރީ ބަންދުކުރިއިރު ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓްގެ ދަށުން ކަމަށް އެންސިސްގެ ބަޔާނުގައި ބުންޏެވެ.

އެންސިސްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ކޭނަރީއެކެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ. އެއީ އީޔޫ އެޕްރޫވްޑް ފެކްޓްރީއެކެވެ.

އެންސިސް ކޭނަރީގެ މަސައްކަތްތައް 2023 ވަނަ އަހަރު ހުއްޓައިލީ މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމުންނެވެ. މިހާރު އެންސިސް އިން ރާއްޖޭގައި މަސް ޕްރޮސެސް ނުކުރި ނަމަވެސް މަސް އެކްސްޕޯޓު ކުރެ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނާ ގޮތުން އެންސިސްއިން ލަންކާގައި ވެސް މަސް ޕްރޮސެސް ކުރެ އެވެ.

އެ ކުންފުނިން އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސްގެ އިތުރުން ޔޫރަޕާއި އެމެރިކާ ހިމެނެ އެވެ.