Advertisement

މާޒިޔާގެ ވިސްނުން ދަނެގެން އަލް އަރަބިން "މަރު"ގެ މެޗަށް ތައްޔާރު

11 އޮގަސްޓު 2025 - 13:41 0

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްވޭސް ވާހަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މާޒިޔާގެ ވިސްނުން ދަނެގެން އަލް އަރަބިން "މަރު"ގެ މެޗަށް ތައްޔާރު

11 އޮގަސްޓު 2025 - 13:41 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފްގައި ކުޅޭނީ ކޮންމެ ގޮތަކުން ވެސް މޮޅުވާން ޖެހޭ "މަރު"ގެ މެޗެއްގެ ވިސްނުމުގައި ކަން އެނގޭ ކަމަށާއި މޮޅުވާން ކުރަން ޖެހޭ މަސައްކަތަށް ތައްޔާރުވެގެން އަލް އަރަބިން ވެސް ތައްޔާރު ކަމަށް އެ ޓީމުގެ ކޯޗު، މާކޯ އަލްވޭސް ބުނެފި އެވެ.

ގަލޮޅު ދަނޑުގައި، މާދަމާ 15:00 ގައި، އަލް އަރަބި އާއި މާޒިޔާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަލްވޭސް ބުނެފައިވަނީ، މި މެޗަށް ތައްޔާރުވާން ލިބިފައިވާ މުއްދަތަށް ބަލާއިރު، މާޒިޔާ އަށް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ.

"މާޒިޔާ އިން ސީދާ މި މެޗަށް ތައްޔާރުވާން ފުރުސަތު ލިބިފައި އޮތީ، އެ ނޫން މެޗެއް މި ވަގުތު މާޒިޔާ އަކަށް ނެތް، އެ ވިސްނުމުގައި ބަލަންޏާ އެޑްވާންޓޭޖްތަކެއް އެބަހުރި އެ މީހުންނަށް. ދެން، އަހަރެމެން ވެސް ތައްޔާރީތައް މި ދަނީ ކުރިއަށް ރަނގަޅު ކޭމްޕަކާ އެކު ތައްޔާރުވެގެން އައިސް މި ތިބީ މިއީ އަހަރެމެންނަށް ވެސް ކުރިއަށްދާން މޮޅުވާންޖެހޭ މެޗެއް ކަން ދަނެގެން،" މިދިޔަ ޖުލައި މަހު އަލް އަރަބިއާ ހަވާލުވި އަލްވޭސް ބުންޏެވެ.

އަލް އަރަބި އިން ވަނީ، އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމުގެ ގޮތުން، އަބޫ ދާބީގައި ޓްރެއިނިން ކޭމްޕެއް ބާއްވައި، ރަނގަޅު ތިން މެޗު ކުޅެފަ އެވެ.

އަލްވޭސް ބުނީ، ރަނގަޅު ފެންވަރުގެ ތިން ޓީމާ ދެކޮޅަށް މެޗު ކުޅުމުގެ ފައިދާ އެބައޮތް ކަމަށެވެ. އަދި، މާޒިޔާ އިން ނުކުންނާނީ ކޮންމެ ވިސްނުމެއްގައި ކުޅެގެން ވެސް މޮޅުވާން ޖެހޭ މެޗެއް ކަމަށްވާތީވެ، ނެގެން ހުރި ހުރިހާ އެޑްވާންޓޭޖެއް ނެގުމަށް ވިސްނައިގެން ކަމަށް ވެސް އަލްވޭސް ގަބޫލުކުރެ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުވައިތުގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރިއިރު، މާޒިޔާ އިން ގްރޫޕްގެ ދެ ވަނަ މެޗުގައި ނުކުތީ އަލް އަރަބިއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ކުޅުނު މާޒިޔާ ކޮޅަށް، އަލް އަރަބިއާ އިން މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ.

މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި މާޒިޔާ އިން ކުޅުނު ތިން މެޗު ވެސް ބަލައި ދިރާސާކޮށްފައިވާނެ ކަމަށާއި އެ މެޗުތަކުގައި މާޒިޔާ އިން ރަނގަޅަށް ކުޅުނު ކަމަށާއި ނަތީޖާ ނުނެރެވުނީ ކަމަށް އަލްވޭސް ވަނީ ބުނެފަ އެވެ.

ގަލޮޅު ދަނޑުގެ ވިނަގަނޑަކީ، އޭނާ އަށް ދުނިޔޭގެ އެހެން ތަނަކުން ފެނިފައިނުވާ ޕިޗެއް ކަމަށާއި އެހެންކަމުން، އެ ފަދަ ދަނޑެއްގައި ކުޅޭއިރު ވިސްނަން ޖެހޭ ކަންކަމަށް އަހުލުވެރިވާން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށް އަލްވޭސް ވަނީ ބުނެފަ އެވެ.

"އެ ވިނަގަނޑު (ގަލޮޅު ދަނޑުގެ ވިނަގަނޑު) ކަހަލަ ތަނެއް ޔޫރަޕުން ވެސް، ކުވެއިތުން ވެސް، ނޫނީ ގަލްފްގެ އެހެން ގައުމަކުން ވެސް އަހަންނަކަށް ނުއެއްފެނޭ. އެހެންވީމަ، އެއީ ވެސް ވިސްނަން ޖެހޭ ކަމެއް. ދެން، މި ގޮތަށް ހުރި ކަންކަމުގެ ވާހަކަ ދައްކައި އެއްވެސް ޝަކުވާއެއް ކުރުމުގެ ވިސްނުން ނުގެންގުޅެ، އަހަރެމެން މި ތައްޔާރުވާން ޖެހެނީ މޮޅުވާން މަޖުބޫރު މެޗަކަށް،" އަލްވޭސް ބުންޏެވެ.

ބިދޭސީ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް، ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވިފައިވާ ކަމަށާާއި ކުޅުންތެރިން ވެސް މެޗުގެ މުހިންމުކަން ދަނެގެން ތައްޔާރުވާނެ ކަމަށް އަލްވޭސް ގަބޫލުކުރެ އެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި އަލް އަރަބިން ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް އެބަހުރި ކަމަށާއި އެކަންކަން ކުރުމަށް މި ވަގުތު އޮތް ޗެލެންޖަކީ މާޒިޔާ ބަލިކޮށް ގްރޫޕް ސްޓޭޖަށް ވަނުން ކަމަށް އަލްވޭސް ވަނީ ބުނެފަ އެެވެ.