11 އޮގަސްޓު 2025 - 13:18 0
11 އޮގަސްޓު 2025 - 13:18 0
އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭއޮފް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރާބީއާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް މުހިންމު މެޗެއް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެނާންޑޭޒް ބުނެފައިވަނީ، އޭއެފްސީ ޗެލެންްޖް ލީގުގެ މި މުހިންމު މެޗުތަކާ ކުރިމަތިލާއިރު، މާޒިޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ގަބޫލު ކުރާ ކަމަށެެވެ. އަދި، މިއީ މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް މުހިންމު މެޗެއް ކަމަށް ހެނާންޑޭޒް ފާހަގަކުރި އެވެ.
"މިއީ މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް މުހިންމު މެޗެއް، އާ ފެޑެރޭޝަނެއް (އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއެއްގެ) ދަށުން އަލުން ކަންކަން އެ ފެށީ. މާޒިޔާގައި 14 ވަރަކަށް ގައުމީ ޓީމުގެ ކުޅުންތެރިން އެބަތިބި، އެހެންވީމަ، އަހަރެންގެ ބޮލުގައި އެޅިފައި މި އޮތީ، މާޒިޔާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ޒިންމާއެއް ކަމަށް ދެކިގެން މޮޅުވާން މި ނުކުންނަނީ،" ހެނާންޑޭޒް ބުންޏެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުވައިތުގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރިއިރު، މާޒިޔާ އިން ގްރޫޕްގެ ދެ ވަނަ މެޗުގައި ނުކުތީ އަލް އަރަބިއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ކުޅުނު މާޒިޔާ ކޮޅަށް، އަލް އަރަބިއާ އިން މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ.
ހެނާންޑޭޒް ބުނީ، މާޒިޔާއާ ހަވާލުވުމަށް ފަހު، 2021 ވަނަ އަހަރުން ފެށިގެން އެ ޓީމާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި، ކުރިން ގޯސްކޮށް ގޮސްފައި ހުރި ކަންކަން ކުޅުމުގެ ތެރެއިން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރެވި، މިހާތަނަށް އައިއިރު ވެސް ޓީމެއްގެ ގޮތުގައި ކުރިއެރުން ފެނިފައިވާ ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
ކުވެއިތުގައި އޭނާ ތިން ވަރަކަށް އަހަރު މަސައްކަތްކުރި ކަމަށާއި އެހެންކަމުން، އަލް އަރަބި ފަދަ ގަލްފްގެ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުން ކަންކަން ކުރާނެ ގޮތް އޭނާ އަށް ވިސްނޭ ކަމަށް ވެސް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަލް އަރަބީ އަކީ ކުވެއިތުގެ އެންމެ ވަރުގަދަ ޓީމު ނޫން ކަމުގައި ވިޔަސް، އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވާން، އަބޫ ދާބީގައި މެޗުތަކެއް ކުޅެފައި އައުމުން، އެ ޓީމުގެ ކަންކަން ރަނގަޅުވާނެ ކަމަށް ހެނާންޑޭޒް ދެކެ އެވެ. އެކަމަކު، މާޒިޔާ އާއި އަލް އަރާބީ މި މެޗަށް ނުކުންނައިރު ފުރުސަތު އޮތީ ހަމަހަމަކޮށް ކަމަށް ހެނާންޑޭޒަށް ގަބޫލުކުރެވޭ ސަބަބެއް އެބައޮތެވެ.
"އެ މީހުން ވެސް އާ ކޯޗެއް ލައިގެން މަސައްކަތް އެ ކުރަނީ، އެހެންވީމަ އެ މީހުންގެ ތައްޔާރީތަކުގައި ވެސް ހުންނާނެ ކަންތައްތަކެއް، އަހަރެމެން ވެސް މި އާ (ބިދޭސީ) ކުޅުންތެރިންތަކެއް ގޮވައިގެން މި ނުކުންނަނީ، އެހެންވީމަ ދެ ޓީމަށް ވެސް ހުންނާނެ އެއް ކަހަލަ ކަންތައްތަކެއް، އެއް ވަރަކަށް ދެ ޓީމަށް ވެސް އުނދަގޫވާނެ މި މެޗު،" ހެނާންޑޭޒް ބުންޏެވެ.
މާޒިޔާ އިން މި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭކަން ފާހަގަކޮށް، ހެނާންޑޭޒް ބުނީ، އެ ޓީމުގެ އެޓޭކް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި އޭގެ އެޑްވާންޓޭޖް ނަގަން ޖެހޭނީ ރަނގަޅަށް ޑިފެންސް ކުރަން ޖެހޭކަން ވެސް ދަނެގެން ކަމަށެވެ.
ގަލޮޅު ދަނޑުގައި، މާޒިޔާ އާއި އަލް އަރަބި އިން އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ އެ މެޗު ފަށާނީ މާދަމާ މެންދުރު ފަހު 15:00 ގަ އެވެ.
Comment