Advertisement

ތުރުކީއާއެކު ސޮއި ކުރި ޓްރޭޑް އެގްރިމެންޓް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށަނީ

11 އޮގަސްޓު 2025 - 13:18 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އިގްތިސާދީ މިނިސްޓަރު ސައީދު: ވިދާޅުވީ ތުރުކީ ޕާލަމެންޓުން އެންޑޯޒް ކުރުމުން އެގްރިމެންޓަށް އަމަލު ކުރަން ފަށާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތުރުކީއާއެކު ސޮއި ކުރި ޓްރޭޑް އެގްރިމެންޓް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށަނީ

11 އޮގަސްޓު 2025 - 13:18 1

ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއި ކުރި ޕްރިފެރެންޝަލް ޓްރޭޑް އެގްރިމެންޓު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށޭނެ ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ޓްރޭޑް އެގްރިމެންޓު ތުރުކީގެ ޕާލިމެންޓުން ބަލައިގަތުމާއެކު އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނެ ކަމަށެވެ. ކުރިއަށް އޮތް އެކެއް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި ތުރުކީގެ ޕާލަމެންޓުން އެ އެއްބަސްވުން ބަލައިގަންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެ އޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމަ މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި އެކެއް ނުވަތަ ދެ މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ. އޭގެ މާނައަކީ ތުރުކީން ގެންނަ މިފަދަ މުދާ ވެސް ހަމަ ޒީރޯ ޑިއުޓީގައި ނުވަތަ ޑިއުޓީއަކާއި ނުލައި ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.

ޕްރިފެރެންޝަލް ޓްރޭޑް އެގްރިމެންޓުގެ ދަށުން ޑިއުޓީއަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް މުދާ އެތެރެ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ނޮވެމްބަރު 4، 2023، ގައި ސޮއި ކުރި އެ އެގްރިމެންޓަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަމަލު ކުރަން ފެށޭނެ ކަމަށް ކުރިން ސަރުކާރުން އޮތީ ބުނެފަ އެވެ.

ސަރުކާރުން ބުނެފައި އޮތީ ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ރީނދޫއުރަހަ ކަންނެލި، ލޯބޮޑު ކަންނެލި އަދި ކަޅުބިލަމަހުން ނަގާނީ ލުއި ޑިއުޓީއެއް ކަމަށެވެ. ރާއްޖެއިން އެކްސްޕޯޓް ކުރާ އެ ބާވަތްތަކުގެ މަހުން މިހާރު ތުރުކީއިން 60 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

"[މި އެއްބަސްވުމުގެ ދަށުން] ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ސަރަހައްދީ މާކެޓްތަކާ އަޅާބަލާއިރު ރަނގަޅު އަގެއްގައި ތުރުކީ ވިލާތަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" މިނިސްޓްރީން ކުރިން ބުންޏެވެ.

އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން، ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 39 ބާވަތަކުން އެއްވެސް ޑިއުޓީއެއް ތުރުކީއިން ނުނަގާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބާވްތަތަކެއް ކަމެއް އިކޮނޮމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. ކުޑަ ޑިއުޓީއެއް ނަގާ މަހުގެ 103 ބާވަތް ހިމެނެ އެވެ.

އޭގެ އިތުރުން، ފިޝް ފިލޭ، ސީފުޑް، އަދި ޕްރޮސެސްކޮށްފައި ހުންނަ ހިކި މަސް އަދި ލޮނުމަހަށް ވެސް ތުރުކީއިން ނަގާނީ ކުޑަ ޑިއުޓީއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.