11 އޮގަސްޓު 2025 - 11:09 0
ސާއިފް ޝިޔާދު
އެމްޕީއެލް ސަރަހައްދު. ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ލަފާ ދީފައިވޭ
11 އޮގަސްޓު 2025 - 11:09 0
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.
މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވެ އެވެ. އެ މައްސަލާގައި ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން އެ ރިޕޯޓު ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ 69 މެންބަރުން ވޯޓާއެކު އެވެ. ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް ވަނީ އަންގާފަ އެވެ.
އެކަމަށް އޮޑިޓު އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި 8.85 ލީޓަރުގެ ޑީސަލް އޮޕަރޭޝަންތަކަށް ބޭނުންވެގެން ގަނެފައިވާ ކަމަށެވެ. ނަމަވެސް، އެމްޕީއެލްއިން ޑީސަލް ގަނެފައިވާ ރޭޓަށް ބަލާއިރު، އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ބޭނުންނުކޮށް، 2.82 މިލިއަން ލީޓަރުގެ ޑީސަލް ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިއީ، އެ މުއްދަތުގައި ޖުމްލަކޮށް ގަތް ލީޓަރުގެ 31.9 ޕަސަންޓު ކަން ފާހަގަކޮށްފައިވާއިރު، ހިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ޑީސަލްގެ އަގު 28.31 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުން ދައްކަ އެވެ.
އެގޮތުން، ބަނދަރުގެ އޮޕަރޭޝަންސްގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި ޓަގު ބޯޓުތައް އަދި އާރުޓީޖީ ކްރޭންތަކުން ގެއްލުނު ޑީސަލްގެ އަދަދުތައް އޮޑިޓު ރިޕޯޓުގައި ވަނީ ވަކީން ފާހަގަކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޑީސަލް ސަޕްލައި ކުރަން ގިނަ އަދަދެއްގެ ޑެލިވަރީ ނޯޓުތަކާއި ޕާޗޭސް ވައުޗަރުތައް ވަނީ ފޯޖުކޮށްފަ އެވެ. އަދި ޑީސަލް ގެނައުމުން ޖަނަރޭޓަރުތަކާއި ކްރޭންތަކުގެ އިތުރުން ޓަގު ބޯޓުތަކަށް ތެޔޮ އަޅާފައިނުވާ ކަމަށް ބުނެފައިވެ އެވެ.
ހިޔާނަތް ހިންގުމާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އޮޑިޓްގެ ރަނގަޅު ޓީމެއް އެކުލަވާލައިގެން އެކަން ބެލުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭގެއިތުރުން, މި ހިޔާނާތް ހިންގުމުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ޓަކައި، މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.
ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ދިން ލަފާގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމްޕީއެލްއަށް ތެޔޮ ގަތުމުގައި އަމަލުކުރާ އުސޫލުތައް ވެސް އިތުރަށް ހަރުދަނާކުރަން ލަފާދީފައިވެ އެވެ.
އެމްޕީއެލް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ކުރި މި ވައްކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވެގެންދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ވެސް ތެލުގެ ހަރަދުތައް ކުޑަ ނުވުމުން ބެލި ބެލުމުގެ ތެރެއިންނެވެ.
Comment