Advertisement

ޑިޖިޓަލް ޕޭމަންޓު ނިޒާމު ވަރުގަދަކުރަން މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

10 އޮގަސްޓު 2025 - 22:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލް އާއި އެންސީއައިޓީ އަދި މާސްޓާކާޑް އެއްބަސްވުމުގައި ސޮއިކުރުން: އެ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް ހިންގަން ވަނީ ނިންމާފައި -- ފޮޓޯ: ބީއެމްއެލް


ޑިޖިޓަލް ޕޭމަންޓު ނިޒާމު ވަރުގަދަކުރަން މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

10 އޮގަސްޓު 2025 - 22:40 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި މާސްޓާކާޑް ގުޅިގެން ހެދި ސްޓްރެޓެޖިކް އެއްބަސްވުމެއްގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށްފި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕް ޕްރޮގްރާމްގެ މަގުސަދަކީ ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ފަހި ރާއްޖެއެއް ބިނާކުރަން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް އެކުލަވާލުމަށް އެހީތެރިވެ، ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ މިންވަރު އެއްބަސްވުމުގެ ދަށުން އިތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމުން މިހާރަށްވުރެ ބޮޑަށް އިންކްލޫސިވް، ރައްކާތެރި އަދި ޑިޖިޓަލީ ކުރިއަރާފައިވާ މުޖުތަމައުއެއް ބިނާކުރަން އެހީތެރިވެދޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:

  • އިތުރު ހިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީކުރުން.
  • އޭއައި ބޭނުންކޮށްގެން ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން.
  • ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުން ދޭ ހިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން.
  • ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށްވުރެ ފަސޭހަކޮށް ޒަމާނީކުރުން.
  • ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީގޮތުން މަސައްކަތް ކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން.

މާސްޓާކާޑުގެ ފަރާތުން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖާ ސަންދުން ހަޕުގޮޑާ ވިދާޅުވީ ޑޭޓާ އާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންތެރި ނަތީޖާތަކެއް ހޯދުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ ޑިޖިޓަލް އިކޮނޮމީއަކަށް ކުރާ ދަތުރު އަވަސްކުރަން އެހީތެރިކަން އެ ކުންފުނިން ދޭނެ ކަމަށެވެ.

ސަރުކާރުން ވަނީ "މޯލްޑިވްސް 2.0" ގެ ނަމުގައި ރާއްޖެ ޑިޖިޓަލައިޒް ކުރަން ޕްރޮގްރާމެއް ވެސް އިފްތިތާހުކޮށްފަ އެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ހުރިހާ ހިދުމަތް އޮންލައިންކުރުމެވެ.