Advertisement

މޮނާކޯގައި ޕޮގްބާގެ މޮޅު ކުޅުން ފެންނަން ވަގުތު ނަގާނެ

10 އޮގަސްޓު 2025 - 09:13 0


މޮނާކޯގައި ޕޮގްބާގެ މޮޅު ކުޅުން ފެންނަން ވަގުތު ނަގާނެ

10 އޮގަސްޓު 2025 - 09:13 0

މޮނާކޯ، ފްރާންސް (އޮގަސްޓް 10) - ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ފަހަރުގެ ޓްރާންސްފާގައި މޮނާކޯ އަށް ބަދަލުވި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ މޮޅު ކުޅުން އެ ޓީމުގައި ފެންނަން ވަގުތު ނަގާނެ ކަމަށް މޮނާކޯގެ ކޯޗު، އާޑީ ހުޓާ ބުނެފި އެވެ.

މަނާބޭހާ ގުޅޭ ސަސްޕެންޝަނަކާ ހެދި 18 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޕޮގްބާ، 32، މޮނާކޯއާ އެކު، މިދިޔަ ޖޫން މަހު ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ހުޓާ ބުނީ، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައި، ޕޮގްބާ އަލުން ދަނޑަށް ނެރެ، އަވަސް އަރުވާލައިގެން ކަންކަން ނުކުރާނެ ކަމަށެވެ. އަދި، ވީހާވެސް ރަނގަޅަށް ހާލަތަށް ބަލައި، ޕޮގްބާގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ގޮތަކަށް، ޓްރެއިނިންގެ ކަންކަން ބައްޓަން ކުރަމުން އަންނަ ކަމަށް ވެސް ހުޓާ ވަނީ ބުނެފަ އެވެ.

"އަންސޫ (ފާޓީ) ކުޅެން ނުކުންނާނެ ޕޯލް (ޕޮގްބާ) އަށް ވުރެން ކުރިން. ރިހެބިލިޓޭޝަނުގައި ވަރަށް ރަނގަޅަށް ޕޯލް އެބަ މަސައްކަތް ކުރޭ، ޔަގީނުން ވެސް އަހަރެމެން މަހެއްހާ ދުވަސް މަޑުކުރަން ޖެހޭނެ. އަހަންނަށް އެންމެ މުހިންމު ކަމަކީ، މި ވަގުތު އޭނާ ކޮންމެ ދުވަހަކު ޓްރެއިނިންގައި ބައިވެރިވުން، ރަނގަޅު ވަގުތުގައި އޭނާ ދަނޑަށް ނެރެގެން ކޮންފިޑެންސް ދީގެން މޮޅަށް ކުޅޭތަން ބަލަން ބޭނުމީ،" ހުޓާ ބުންޏެވެ.

"ފުރަތަމަ ބޭނުންކުރާ މެޗުތަކުގައި އެންމެ ރަނގަޅު ނުވެދާނެ، މަޑުމަޑުން ކުޅެން ފެށީމަ ކުރީގެ ލެވަލަށް ދާތަން ފެންނާނެ،"

މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ.

ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެ ވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.