Advertisement

އެންސިސް އިން ހެދި 25 މިލިއަން ޑޮލަރުގެ ކޭނަރީ މިފްކޯއިން ގަންނަނީ

9 އޮގަސްޓު 2025 - 21:02 3

އެންސިސްގެ ކޭނަރީ


އެންސިސް އިން ހެދި 25 މިލިއަން ޑޮލަރުގެ ކޭނަރީ މިފްކޯއިން ގަންނަނީ

9 އޮގަސްޓު 2025 - 21:02 3

އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިރޭ ބުނެފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި މިފްކޯއިން ބުނީ އެންސިސްގެ ކޭނަރީ ގަތުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިވަގުތު ކުރިއަށްދަނީ ކޭނަރީ ގަތުމުގެ ނެގޯޝިއޭޝަންތައް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

"ފަހުގެ މެޝިނަރީ އާއި އާލާތްތަކާއެކު އިންވެސްޓު ކުރުމަށްފަހު، ދޮޅު އަހަރަށް ހުއްޓިފައި ހުރި، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއެކު އަންނަނީ މަޝްވަރާ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ކޭނަރީއެކެވެ. އެ ކޭނަރީ އަޅަން ފަންޑު ހޯދާފައި ވަނީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކުންނެވެ. އެއީ އީޔޫ އެޕްރޫވްޑް ފެކްޓަރީއެކެވެ.

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލް ހުރި ކޭނަރީއެކެވެ. އަދި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެ ފެކްޓަރީގައި ހުރެ އެވެ.

އެ ކޭނަރީ 2023 ވަނަ އަހަރު ހުއްޓައިލީ މިފްކޯއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމުންނެވެ.

އެންސިސްގެ ކޭނަރީގައި މީގެ ކުރިން 200 މީހުން ވަޒީފާ އަދާ ކުރި އެވެ. މިހާރު އެންސިސް އިން މަސް ޕްރޮސެސް ނުކުރި ނަމަވެސް މަސް އެކްސްޕޯޓު ކުރެ އެވެ. އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް، ތައިލެންޑު އަދި މޮރިޝަސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.