މިލާން (އޮގަސްޓް 9) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް، އިޓަލީގެ އޭސީ މިލާނަށް ދޫކޮށްލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިލާނުން، ހޮއިލުންޑް، 23، ގެންދަން ހުށަހަޅާފައި އޮތީ ލޯން ޑީލެކެވެ. އެ ގޮތުން، ލޯން ފީ އާއި ފުލް މުސާރަ ދޭ ގޮތަށް ޔުނައިޓެޑުން މި ޓްރާންސްފާ ކުރިއަށްގެންދަން ތައްޔާރެވެ.
އެ ގޮތުން، ލޯން ފީގެ ގޮތުގައި، ހަ މިލިއަން ޑޮލަރު ޔުނައިޓެޑުން ޑިމާންޑް ކުރެ އެވެ. އަދި، ލޯން ނިމުމުން، ދާއިމީ ޓްރާންސްފާއެއްގައި މިލާނުން ހޮއިލުންޑް ގަންނަނަމަ، 35 މިލިއަން ޑޮލަރު ދައްކާ ގޮތަށް ޔުނައިޓެޑުން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އެއް އަހަރު ކުރިން، 70 މިލިއަން ޑޮލަރަށް، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑަށް ސޮއިކުރި، ހޮއިލުންޑް، ދެ އަހަރު ތެރޭ ވިއްކާލަން ޔުނައިޓެޑުން ނިންމީ، އެކަށީގެންވާ ކުރިއެރުމެއް ފެނިފައިނުވާތީ އެެވެ.
ޔުނައިޓެޑުން އާރްބީ ލައިޕްޒިގުގެ ފޯވާޑް، ބެންޖަމިން ސެސްކޯ ގަންނަން ކުރާ މަސައްކަތުގައި ބަޖެޓު ބޮޑުކުރުމުގެ ގޮތުން، އަވަހަށް ހޮއިލުންޑް ދޫކޮށްލަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުރިން، އެޓަލަންޓާ އަށް ކުޅުނު ފޯވާޑް، ހޮއިލުންޑް ވަނީ ޔުނައިޓެޑްގައި މަޑުކޮށް، ފެންވަރު ސާބިތުކޮށްދީ، ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ، އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، 145 މިިލިއަން ޑޮލަރު ހަރަދުކޮށްފައި ގަތް، ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ އާއި ވުލްވްސްގެ މަޓެއުސް ކޫންޏާގެ އިތުރުން ދެން ގެންނަ ފޯވާޑަކާ އެކު، ހޮއިލުންޑްގެ ބޭނުން ކުޑަވާނެ ކަމަށް ކަނޑައަޅައިފަ އެވެ.
ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ކުޅެދިން 95 މެޗުން 25 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
Comment