8 އޮގަސްޓު 2025 - 05:47 0
8 އޮގަސްޓު 2025 - 05:47 0
ލަންޑަން (އޮގަސްޓް 8) - ޕްރީ ސީޒަން މެޗެއްގައި ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނު ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި މިޑްފީލްޑަރު، ޖޭމްސް މެޑިސަން އަށް ކުރިއަށް އޮތް ސީޒަނުގެ ބޮޑުބައި ގެއްލޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ދެކުނު ކޮރެއާގައި ކުޅުނު ޕްރީ ސީޒަން މެޗެއްގައި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެނިކޮށް، މެޑިސަން، 28، ކަކުލަށް އަނިޔާވެ، އަށިގަނޑުގައި ބޭލިއިރު ވެސް އޭނާ އަށް ސީރިއަސްް އަނިޔާއެއް ވެފައިވާ ކަމަށް ބެލެވުނެވެ. އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނީ، މިދިޔަ ސީޒަނުގައި ވެސް މެޑިސަން އަށް ސީޒަންގެ ފަހު ބައި ގެއްލުނު ކަކުލުގެ ލިގަމެންޓް އެއްކޮށް އިރައިގެން ގޮސްފައިވާ ކަމެވެ. އެއާ އެކު، މެޑިސަން ވަނީ އޮޕަރޭޝަނެއް ކުރަން ނިންމައިފަ އެވެ.
ޓޮޓެންހަމް އިން ބުނެފައިވަނީ، އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި މެޑިސަން ހުންނަން ޖެހޭނެ ކަމަށެވެ. އެ ގޮތުން، މި ވަގުތަށް ބަލާއިރު، 6-7 މަސް ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.
މީގެ ދެ އަހަރު ކުރިން ލެސްޓާ ސިޓީ އަށް، 50 މިލިއަން ޑޮލަރު ދީފައި، ޓޮޓެންހަމް އިން ގެނައި މެޑިސަން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 45 މެޗުން 12 ގޯލު ޖަހައިދީފަ އެވެ. ޓޮޓެންހަމް އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށް، 17 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދި ސީޒަނުގައި މެޑިސަން ވަނީ މުޅި ސީޒަނަށް ބަލާއިރު މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އިނގިރޭސި ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފައިވާ މެޑިސަން އަކީ، ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކްގެ ޕްލޭނުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. މެޑިސަން އަށް އަނިޔާވެ، ޓޮޓެންހަމް އިން ބަދަލުގައި ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރެއާލް މެޑްރިޑްގެ ރޮޑްރީގޯ އާއި މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް އަށް އެ ކްލަބުން ފާރަލަ އެވެ.
Comment