Advertisement

ޔުމްނުގެ ބަޔާން ފުލުހުންނަށް އަދިވެސް ނުނެގޭ

6 އޮގަސްޓު 2025 - 10:05 1


ޔުމްނުގެ ބަޔާން ފުލުހުންނަށް އަދިވެސް ނުނެގޭ

6 އޮގަސްޓު 2025 - 10:05 1

މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އަދިވެސް އޭނާގެ ބަޔާން ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެޕްރީލް 18، ގައި ހިނގި މި ހާދިސާއަށް 110 ދުވަސް ހަމަވެފައިވާއިރު ފުލުހުންނަށް އަދިވެސް ބަޔާން ނުނެގޭކަން ވަނީ ހާމަވެފަ އެވެ. ބަޔާން ނެގިފައި ނުވަނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

މިކަން ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ރިޕޯޓު ނެރެ އެ ކޮމިޝަން ވެސް ވަނީ އުވާލާފަ އެވެ. އެ ކޮމިޝަނުގެ ތަހުގީގަށް ޖުމްލަ 69 މީހެއްގެ ބަޔާން ނެގި ނަމަވެސް އޭގެ ތެރޭގައި ޔުމްނުގެ ބަޔާން ނުހިމެނޭކަން ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެއްވެސް މީހަކު ޔުމްނު ވައްޓާލި ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު، ޔުމްނުއާއެކު އުޅުނު އަހުމަދު ރައުދު، 21، ގެ އިހުމާލުތަކެއް އެ މައްސަލައިގައި އޮތް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގުމުން ވެސް އެހީތެރިވެނުދީ ދިޔުމުގެ އިހުމާލެވެ.

އެ ކަމަށް އާއިލާއިން ހުރަސް އަޅަމުންދާތީ އޭނާގެ ބަޔާން މެލޭޝިއާ ފުލުހުން މެދުވެރިކޮށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން މީގެ ކުރިން ބުންޏެވެ.

މިކަމާ ގުޅިގެން ޔުމްނުގެ އާއިލާއިން އޭރު ބުނީ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށެވެ.