Advertisement

ގްރީންވުޑް އަށް ޖެމެއިކާ ޕާސްޕޯޓް ލިބި އެ ގައުމަށް ކުޅެން ތައްޔާރުވަނީ

6 އޮގަސްޓު 2025 - 06:56 0


ގްރީންވުޑް އަށް ޖެމެއިކާ ޕާސްޕޯޓް ލިބި އެ ގައުމަށް ކުޅެން ތައްޔާރުވަނީ

6 އޮގަސްޓު 2025 - 06:56 0

ލަންޑަން (އޮގަސްޓް 6) - މާސޭ އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް، މޭސަން ގްރީންވުޑް އަށް ޖެމެއިކާ ޕާސްޕޯޓް ލިބި، އޭނާ އެ ގައުމުގެ ޓީމަށް ކުޅުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

ޖެމެއިކާ އަށް ގްރީންވުޑް ލައްވައި ކުުޅުވަން މަސައްކަތް ފެށީ މީގެ އަށް މަހެއްހާ ދުވަސް ކުރިންނެވެ. ދެން، އެންމެ އަވަހަށް ޖެމެއިކާ އިން ކުޅޭ މެޗުތަކުގެ ސްކޮޑުގައި ގްރީންވުޑް ހިމެނުމުގައި ހުރަހެއް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެެެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ގްރީންވުޑް ލައްވައި ޖެމެެއިކާ އަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން އެ ފަހަރު ހާސިލެއްނުވި އެވެ.

މި ފަހަރު ގްރީންވުޑް ލައްވައި، ޖެމެއިކާ އަށް ކުޅެން މަޝްވަރާ ކުރީ އެ ކޯޗު ސްޓީވް މެކްލަރެން އެވެ. އޭނާ އަކީ ކުރިން، ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެވެ. ގްރީންވުޑާ އެކު ވެސް މަސައްކަތްކޮށްފައިވެ އެވެ.

ގްރީންވުޑް ވަނީ، އިންގްލެންޑަށް ރަސްމީ އެއް މެޗު ކުޅެފަ އެވެ. އެއީ، 2020 ވަނަ އަހަރު، ނޭޝަންސް ލީގުގައި އައިސްލެންޑާ ދެކޮޅަށެެވެ.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެކަން ފުރިހަމަކުރަން، ކުރިން ކުޅުނު ގައުމީ ޓީމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ލިޔުމެއް ބޭނުންވާނެ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގެ ސަބަބުން ޔުނައިޓެޑްގައި ގްރީންވުޑްގެ ކެރިއަރު ކުރިއަށްނުދިޔަ އެވެ. ޖަލުން ސަލާމަތްވުމުން ވެސް ޔުނައިޓެޑުން ގްރީންވުޑަށް ފުރުސަތު ނުދިނެވެ.

ގެޓަފޭ އަށް މީގެ އަހަރެއް ކުރިން ލޯނަކަށް ކުޅުނު ގްރީންވުޑަށް ޔުނައިޓެޑާ އެކު ކެެރިއަރު ކުރިއަށް ނުގެންދެވޭނެތީ، މިދިޔަ އަހަރު ޓްރާންސްފާ މާކެޓްގައި، މާސޭ އަށް ސޮއިކުރީ 33 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ. މިދިިޔަ އަހަރު މާސޭގައި މޮޅަށް ކުޅުނު ގްރީންވުޑް ވަނީ މިހާތަނަށް 36 މެޗުން 22 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.