Advertisement

ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަނަކަށް ސުޒޭން

6 އޮގަސްޓު 2025 - 05:47 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަނަކަށް ސުޒޭން

6 އޮގަސްޓު 2025 - 05:47 0

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ޗެއާމަނަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރަން، ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ، 2000 ވަނަ އަހަރު، ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށެވެ. ގޯލްޑަން ޖޫބިލީގެ ނަމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި އެވެ.

އޭގެ ފަހުން، ރާއްޖޭން ފުޓްބޯޅައިގައި ދެ ތަށްޓެއް ހޯދި އެވެ. އެއީ، 2008 އާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން ބާއްވާ މުބާރާތް އަންނަ އަހަރު ޖޫން އަށް ތާވަލުކޮށްފައި އޮތްއިރު، ކްލަބްތަކުން ނަން ފޮނުވައިގެން، ޑައިމަންޑް ޖޫބިލީ ކޮމިޓީއެއް ފާސްކޮށްފައިވަނީ ގިނަ މަސައްކަތްތަކެއް ކުރާ ގޮތަށެވެ.

އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލި، ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަން، ސުޒޭން އަކީ، އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައިގެ އެކިއެކި މަސައްކަތްތަކުގައި އުޅުއްވަމުން އަންނަ ފަރާތެކެވެ.

އެ ކޮމިޓީގައި ދެން ވައިސް ޗެއާމަަނަކަށް، ނިއު ރޭޑިއަންޓްގެ ޗެއާމަން، އަހުމަދު މުބީން ހަމަޖައްސާފައިވާއިރު، ދެން، މެމްބަރުން ގޮތުގައި ތިބީ، ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންގެ އިތުރުން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ.

އެފްއޭއެމް ހިންގާ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި، ދެން ފާސްކުރި ކޮމިޓީތަކަށް ބަލާއިރު، ސްޓޭޑިއަން ކޮމިޓީގެ ގޮތުގައި ހިމެނޭ، އަންހެން ފުޓްބޯޅަ ކޮމިޓީގެ ޗެއާމަނަކަށް އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް، އަލީ އިބްރާހިމް (ކައްޕި) ހަމަޖައްސައި، ޑެޕިއުޓީ އަަކަށް އެފްއޭއެމް އެކްސްކޯ މެމްބަރު، ހައްވާ ނަސްރާ ސައީދުގެ އިތުރުން، މެމްބަރަކަށް އެފްއޭއެމްގެ އެކްސްކޯ މެމްބަރު، ހައްވާ ރަޝީދާ ވަނީ ހަމަޖައްސައިފަ އެވެ.

އެމޭޗާ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް، އެފްއޭއެމް އެކްސްކޯ މެމްބަރު، މުހައްމަދު އުމެއިރު ހަމަޖައްސާފައިވާއިރު، އެ ކޮމިޓީގެ ޑެޕިިއުޓީ އަކީ، އޮޑި ސްޕޯޓްސް ކްލަބްގެ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ. ދެން، މެމްބަރުންގެ ގޮތުގައި، ތިބީ ކްލަބް ގްރީން ސްޓްރީޓްސްގެ ލޫތު އިބްރާހިމް، ނިއު ރޭޑިއަންޓްގެ ޒަހީނުއްދީން އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އަރީފް އެވެ.

އެޑްހޮކް ކޮމިޓީތަކަށް ބަލާއިރު، ފުޓްސަލް އެންޑް ބީޗްސޮކާ ކޮމިޓީގެ ޗެއާމަނަކީ، އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އާއި ވައިސް ޗެއާމަނަކަށް، އެފްއޭއެމްގެ އެކްސްކޯ މެމްބަރު، އިމްރާން މުހައްމަދު އެވެ. ދެން، ކޮމިޓީ މެމްބަރުންނަކީ، ޓީސީ ސްޕޯޓްސް ކްލަބުން ހުސެއިން ނިހާދު އާއި އޮޑި ސްޕޯޓްސް ކްލަބުން އަބްދުﷲ ޝައްފާން އެވެ.