Advertisement

މެޑިސަން އަށް އަނިޔާވުމުން ޓޮޓެންހަމުން ފާރަލަނީ ގްރީލިޝް އަށް

6 އޮގަސްޓު 2025 - 05:26 0


މެޑިސަން އަށް އަނިޔާވުމުން ޓޮޓެންހަމުން ފާރަލަނީ ގްރީލިޝް އަށް

6 އޮގަސްޓު 2025 - 05:26 0

ލަންޑަން (އޮގަސްޓް 6) - ޕްރީ ސީޒަންގެ ތެރެއިން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު، ޖޭމްސް މެޑިސަން އަށް އަނިޔާވެ، އޭނާގެ ބަދަލުގައި، ކްލަބުން މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެޑިސަން، 28، ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ، އޭނާ އަށް ކުރިއަށް އޮތް ސީޒަނުގެ ބޮޑުބައި ގެއްލޭނެ ކަމަށް ބެލެވޭއިރު، އެ މަގާމަށް ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކް އަންނަނީ ކުޅުންތެރިއަކު ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، ޓޮޓެންހަމް އިން ދެ ވިސްނުމެއް ގެންގުޅެ އެވެ. އެއީ، 35 މިލިއަން ޑޮލަރު ޖުމްލަ އެކު ހަރަދުކޮށްފައި، ބާސެލޯނާގެ މިޑްފީލްޑަރު، މާކް ކަސާޑޯ ގަތުން ނޫނީ، ލޯން އެއްބަސްވުމެއްގެ ދަށުން ސިޓީގެ ގްރީލިޝްގެ ސޮއި ހޯދުމެވެ.

ސިޓީން އިނގިރޭސި މިޑްފީލްޑަރު، ގްރީލިޝް ގަންނަން ކިޔާ އަގަށް ގަންނާނެ ކްލަބެއް ނުވުމުން، އޭނާ ލޯން އުސޫލުން ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގްރީލިޝް، 29، މީގެ ހަތަރު އަަހަރުކުރިން، 2021 ވަނަ އަހަރު ސިޓީ އަށް ބަދަލުވީ، އޭރު އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. އެ ގޮތުން، ސިޓީން ގްރީލިޝް ގަތީ 120 މިިލިއަން ޑޮލަރުގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ. އެކަމަކު، އެ އަގާ އެއްވަރުގެ ކުޅުމެއް އަދި ގްރީލިޝް އަށް ސިޓީގައި ނުދެއްކެ އެވެ.

ދާދި ފަހުން، އެމެރިކާގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕަށް ސިޓީން ނެގި ސްކޮޑުގައި ގްރީލިޝް ނުހިމެނެ އެވެ. ސިޓީން މި ފަހަރުގެ ޓްރާންސްފާގައި ގްރީލިޝް ވިއްކާލަން ބޭނުންވަނީ، އެންމެ ކުޑަކޮށް ވެސް 70 މިލިއަން ޑޮލަރަށެވެ. އެކަމަކު، ގްރީލިޝް ގަންނަން އެންމެ ފުރަތަމަ ހިޔާލުފާޅުކުރި، ނަޕޯލީން ވެސް އެ ވަރުގެ ބިޑެއް ކުރަން ބޭނުމެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ސިޓީން މިހާރު އަންނަނީ ލޯން އުސޫލުން ވިޔަސް ގްރީލިޝް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެ ފުރުސަތުގެ ބޭނުންހިފައި، އެ ޑީލަށް ވަންނަން ޓޮޓެންހަމް އިން ވަނީ ނިންމައިފަ އެވެ.