Advertisement

ޓޫރިޒަމް އިޝްތިހާރުތައް ފާސްކުރަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

5 އޮގަސްޓު 2025 - 15:29 1

އަމަން ހަލީމް

އަމަން ހަލީމް

ކ. ތުލުސްދޫގައި ހުންނަ ފާލަމެއްގައި ޓޫރިސްޓަކު އިށީންދެލައިގެން: އެއްވެސް އިޝްތިހާރެއް ބޭނުންކުރެވޭނި މިނިސްޓްރީން ފާސްކޮށްގެން --- އަދަދު ފައިލް ފޮޓޯ


ޓޫރިޒަމް އިޝްތިހާރުތައް ފާސްކުރަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

5 އޮގަސްޓު 2025 - 15:29 1

ޓޫރިޒަމް ހިދުމަތްދޭ ވިޔަފާރިތަކުގެ އިޝްތިހާރުތައް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭ ގޮތަށް މި އަހަރު ކުރީކޮޅު ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލުގެ ދަށުން އެކުލަވާލީ ގަވާއިދު އިއްޔެ އާންމުކޮށްފި އެވެ.

ޓޫރިޒަމް ހިދުމަތްދޭ ވިޔަފާރިތައް އިޝްތިހާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ޓޫރިސްޓުންނަށް ހިދުމަތްދޭ އެއްވެސް ވިޔަފާރިއަކަށް ދެން އިޝްތިހާރު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ފާސްކުރުމަށް ފަހުގަ އެވެ. ގަވާއިދުގައި އޮތް ގޮތުން މި ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީން ހަދާ ޕޯޓަލްއަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ގަވާއިދުގެ މަގުސަދުތަކަކީ އިޝްތިހާރުތަކުގައި ހިމެނޭ މައުލޫމާތަކީ ތެދު އަދި ފުރިހަމަ މައުލޫމާތުތޯ ކަށަވަރުކުރުމާއި ފަތުރުވެރިކަމަށް ގެއްލުން ނުވާނެ ގޮތަކަށް ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަސައްވުރުކޮށްދިނުމާއި ޒިންމާދާރުކަމާއެކީ އިޝްތިހާރުކުރަން ބާރު އެޅުމުގެ އިތުރުން ސްކޭމްތަކުން ޓޫރިސްޓުން ސަލާމަތްކޮށްދިނުން ކަމަށެވެ.

ޓޫރިސްޓު ވިޔަފާރިތައް އިޝްތިހާރުކުރުމުގެ ގަވާއިދުގެ ދަށުން އިޝްތިހާރުކުރެވެނީ މިނިސްޓްރީން އޮޕަރޭޓިން ލައިސަންސް ދޫކޮށްފައިވާ ތަންތަނަށް އެކަންޏެވެ. އޮޕަރޭޓިން ލައިސަންސް ނެތް ތަންތަނުން ޖެހެނީ އިޝްތިހާރު ކުރާ ނަމަ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދާށެވެ.

ތަރައްގީކޮށްފައިވާ ތަންތަނަށް އިޝްތިހާރުކުރުމުގައި ވަކި މިންގަނޑެއް ކަަނޑައަޅާފައި ނެތް ނަމަވެސް، ތަރައްގީކުރަމުން އަންނަ މަރުހަލާގައި އިޝްތިހާރުކުރާނެ މިންގަނޑެއް ގަވާއިދުގައި އެބަ އޮތެވެ.

އެ މިންގަނޑުގެ ދަށުން އިޝްތިހާރު ކުރަން ޖެހެނީ މިިނިސްޓްރީން ދީފައިވާ ގިންތި ނުވަތަ ދަރަޖައާ އެއްގޮތްވާ ގޮތަށް އެ މައުލޫމާތު ސާފުކޮށް އެނގޭނެހެން، ލިބޭ ހިދުމަތްތަކާއި ގުދުރަތީ މާހައުލާއި ވަށައިގެންވާ މާހައުލާ ގުޅޭ ގޮތުން ސައްހަ މައުލޫމާތު ހިމަނައިގެންނެވެ. އަދި އިޝްތިހާރުގައި ހިމަނާފައިވާ ހިޔާލާއި ތަސައްވުރުކޮށްދޭ ކަންކަން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއަށް ފެތެން ޖެހެ އެވެ.

އޭގެ އިތުރުން ގުދުރަތީ ރީތިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާ އެއްގޮތަށް އިޝްތިހާރުކުރުމަށާއި، ގުދުރަތީ ގޮތުން ނާޒުކު ތަނެއް ދައްކާ ނަމަ އެ ތަނެއްގެ މައުލޫމާތު އިޝްތިހާރުތަކުގައި ހިމަނަން ޖެހެ އެވެ. އަދި ވެލްނަސް ޓޫރިޒަމްގެ އާދަތައް ގެންގުޅޭ ތަންތަނުން އެ އާދަތަކުގެ ހަގީގީ ތަފުސީލުތަކާއި ހެކިތައް، ހާމަކަން ބޮޑުކޮށް ބަޔާންކުރަން ޖެހެ އެވެ.

ޓޫރިޒަމުން ވަނީ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާ ނަމަ އެއީ އިޝްތިހާރެއް ކަން އެނގޭނެހެން ފާހަގަކުރުމަށާއި ހަގީގަތާއި ހިލާފު ފޮޓޮ އާއީ ވީޑިއޯ ނުހިމެނުމަށާއި ފޭކު ރިވިއުތަކާއި ކޮމެންޓުތަކާއި ރޭޓިންތައް ނުހިމެނުމުގެ އިތުރުން އޭއައި ކޮންޓެންޓް ބޭނުންކުރާ ނަމަ އެ ކަން ސާފުކޮށް އެނގޭނެހެން ޑިޖިޓަލް އިޝްތިހާރުތަކުގެ މިންގަނޑު ކަނޑައަޅާފަ އެވެ.

އިޝްތިހާރުތަކުގައި ނަން ބޭނުންކުރުމުގައި ވެސް ގޮތްތަކެއް ކަނޑައަޅާފައިވާއިރު، ވަކިން ރަށެއްގައި ހުންނަ ތަނެއް ނަމަ ބޭނުންކުރެވެނީ ރަށާއި އަތޮޅާއި އޮޕަރޭޓިން ލައިސަންސްގައި އޮންނަ ނަމެވެ. މީހުން ދިރިއުޅޭ ރަށެއްގައި ހިންގާ ތަންތަނުން އިޝްތިހާރުގައި ނަން ބޭނުންކުރާ ނަމަ އަވަށުގެ ނަން ވެސް ޓޫރިސްޓުންނަށް އެނގޭ ވަރަށް މައުލޫމާތު ހިމަނަން ޖެހެ އެވެ.

މި ގަވާއިދާ ހިލާފުވާ ވިޔަފާރިތަކަށް، ގަވާއިދާ ހިލާފު އިޝްތިހާރު ނަގަން 24 ގަޑިއިރު ދިނުމަށް ފަހު އެ ގޮތަށް އަމަލު ނުކޮށްފިނަމަ، ބޮޑެތި ޖޫރިމަނާތައް އާދެ އެވެ. ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 10،000ރ. އެވެ. ދެވަނަ ފަހަރު ކުރަނީ 50،000ރ. އެވެ. ތިން ވަނަ ފަހަރު ޖޫރިމަނާ ކުރަނީ 100،000ރ. އެވެ.

ތިން ފަހަރަށް ވުރެ އިތުރަށް މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، ލިޔުމުން އެންގުމެއް ނެތި، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ.