5 އޮގަސްޓު 2025 - 09:52 1
ސާއިފް ޝިޔާދު
5 އޮގަސްޓު 2025 - 09:52 1
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްސަލަ އިދާރާތަކުން ތަހުގީގުކުރަމުން އަންނަނިކޮށް އޭނާ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަކިކޮށްފި އެވެ.
އޭނާއަކީ އެ ކޮމިޓީގެ މުގައްރިރެވެ. ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ހަމަޖެއްސީ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު އެވެ. މިއީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަމަށް ފާރަވެރިވުމަށް މަޖިލީހުގައި ގާއިމުކޮށްފައިވާ ކޮމިޓީއެކެވެ.
އޭގެ އިތުރުން މިއަދު އިތުރު ބަދަލެއް ވެސް ވަނީ ގެނެސްފަ އެވެ. ޖުޑީޝަރީ ކޮމިޓީން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަކިކުރުމަށް ފަހު އޭނާގެ ބަދަލުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވަނީ ހަމަޖައްސާފަ އެވެ.
މާލިއްޔަތު ކޮމިޓީން ވެސް ޝުޖާއު ވަނީ ވަކިކޮށްފަ އެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށެވެ.
ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ އެ ރިޕޯޓު ސޯޝަލް މީޑިއާއަށް ލީކުކޮށްލުމުންނެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ތަހުގީގު ކުރަން ފެށި ތާރީހެއް އަދި މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ބުނެފައެއް ނުވެ އެވެ.
ޝުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment