Advertisement

ސުޕްރީމް ކޯޓުން ވަކިކުރިތާ ފަސް އަހަރު ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރަން ފާސްކޮށްފި

5 އޮގަސްޓު 2025 - 13:17 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު: ސުޕްރީމް ކޯޓުން ޣަނީ ވަކިކުރީ ޑިސެމްބަރު 2019 ގައި --- ފޮޓޯ: ރައީސް އޮފީސް


ސުޕްރީމް ކޯޓުން ވަކިކުރިތާ ފަސް އަހަރު ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރަން ފާސްކޮށްފި

5 އޮގަސްޓު 2025 - 13:17 2

މީގެ ފަސް އަހަރާއި ހަތް މަސްދުވަސް ކުރިން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކުރި އަބްދުލްޣަނީ މުހައްމަދު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ގެނައުމަށް މިއަދު ބޭއްވި ވިހިވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ރުހުން ދީފި އެވެ.

އެ މަގާމަށް ޣަނީ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަންތައް ޖޭއެސްސީން ތަރުތީބު ކުރިއިރު، އެންމެ ކުރީގައި އޮތީ ޣަނީގެ ނަމެވެ. އެ މަގާމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަބްދުالله މުހައްމަދު (އަބްދުالله ގާޒީ) ގެ ނަން ދެވަނައަށް އޮތްއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނަން އޮތީ ތިންވަނައަށްކަން އަދަދު އަށް އެނގިފައިވެ އެވެ.

ޝުޖާއު އުސްމާން އާއި ޣަނީ ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދާދި ފަހުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އެ ދެ މަގާމަށް އައްޔަނުކުރީ ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް، އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޣަނީގެ ނަން ފާސްކުރީ އިއްޔެ އެވެ. މުއިއްޒުގެ ވެރިކަމުގައި އޭނާއަށް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަން ދީފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ޖޫން 2018 ގައި އައްޔަން ކުރުމުގެ ކުރިން ޣަނީ ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވާފަ އެވެ.

ޣަނީ ދެކޮޅަށް ޖޭއެސްސީން ބެލި މައްސަލަތަކުގެ ތެރޭގައި 12 މެންބަރުން ގޮނޑި ގެއްލުވާލުމަށް ސުޕްރީމް ކޯޓުގެ ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަބްދުالله ދީދީ ހުންނެވިއިރު ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވުމާއި ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެ އެވެ.

ޣަނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން މައްސަލަތައް ބަލައި ފޮނުވި ރިޕޯޓަކަށް ބިނާކޮށް އޭނާ މަގާމުން ވަކިކުރީ ޑިސެމްބަރު 4، 2019 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އޭނާ ވަކިކުރަން 64 މެންބަރުން ވޯޓު ދެއްވި އެވެ. މަގާމުން ވަކިކުރިއިރު ވެސް އޭނާ ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހަތަރު ބޭފުޅަކު ކުރައްވާފަ އެވެ. އެއީ، އަބްދުالله ސައީދު، އަހްމަދު ފާއިޒު، އަހްމަދު އަބްދުالله ދީދީ އަދި މުއުތަސިމް އަދުނާން އެވެ. ޣަނީ ވެގެންދާނީ އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވާ ފަސްވަނަ ފަނޑިޔާރަށެވެ.