Advertisement

ކައުންސިލްތަކުގެ ބާރު އަތުލުމުގެ ބިލާ ދެކޮޅު އަޑުތައް ގަދަވަނީ

5 އޮގަސްޓު 2025 - 07:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކައުންސިލްތަކުގެ ބާރު އަތުލުމުގެ ބިލާ ދެކޮޅު އަޑުތައް ގަދަވަނީ

5 އޮގަސްޓު 2025 - 07:35 0

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް އޮތް ބާރު ހަނިކޮށް، ލާމަރުކަޒީ ނިޒާމު އޮޅުން ބޮޅުން ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް އިތުރު ކައުންސިލްތަކުން ބަޔާން ނެރެ، ބިލް ފާސް ނުކުރަން ގޮވާލައިފި އެވެ.

އއ. ބޮޑުފުޅަދޫ ކައުންސިލު އަދި އެ އަތޮޅު އުކުޅަހު ކައުންސިލުން ވަކި ވަކިން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތެއްގެ މައްޗަށް އިހުސާންތެރިކަމެއްގެ ކުޑަ މިންވަރެއް ހުރި ނަމަވެސް ގެންނާނެ ބިލެއް ނޫން ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައި ދިފާއު ކުރެއްވި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ ހިލާފު ބިލެއް ހަމަ އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.

މި ބިލާ ދެކޮޅަށް ބޮޑުފުޅަދޫ އަދި އުކުޅަހު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ އެއީ ގާނޫނު އަސާސީ އާއި ލާމަރުކަޒީ ނިޒާމުގެ ރޫހާ ހިލާފު ބިލެއް ކަމަށެވެ. އެހެންވެ، އެ ބިލް އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. ބިލް އަނބުރާ ނުގެންދާ ހާލަތުގައި ބިލު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ނުދޭން ގޮވާލައިފައިވެ އެވެ.

"ހުށަހަޅާފައިވާ ބިލަކީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކޮޅު، ނިޒާމުގެ މަގުސަދާއި ހިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނިގުޅައިގަނެ މަރުކަޒީ ބާރުވެރިކަން ގަދަކޮށް ސަރުކާރަށް، ސަލާން ޖެހުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހުށަހަޅާފައިވާ ނާތަހުޒީބު ބިލެއް ކަމަށް އެ ދެ ކައުންސިލުން ވެސް ބުނެފައިވެ އެވެ.

މިފަދަ ބިލެއް ސަރުކާރުން ހުށަހެޅުމުން ހާމަވަނީ ދިވެހިރާއްޖޭގެ ވަސީލަތްތަކާއި ރައްޔިތުންގެ ހައްގުތަކާއި ތަރައްގީގެ ކަންކަން މަރުކަޒީ އުސޫލުން މަދު ބައެއްގެ މެދުގައި އެއްވެސް ހާމަ ކަމެއް، ޖަވާބުދާރީ ވުމެއް ނެތް އަދި މަޝްވަރާ ކުރުމެއް ނެތި ނިންމަމުން ދިޔަ ސަގާފަތަކަށް ރުޖޫއަވުމުގެ ނިޔަތް އޮތުން ކަމަށް ވެސް ބާޔަންތަކުގައިވެ އެވެ.

މިހާރު އޮތް ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދިން ބާރުވެރިކަމާއެކު ވަސީލަތްތަކާއި ގުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން އެރަށެށްގެ ބަޔަކު ފުދުންތެރި ބައެއްގެ ގޮތުގައި ވުމަށް އެތައް ދޮރުތަކެއް ހުޅުވާލެވިގެން ދިޔަ ކަމަށާއި އެއާއެކު މާލީ މިނިވަންކަމާއި، އިދާރީ ބާރުވެރިކަމާއި އިހުތިސާސްގެ ބާރުވެރިކަން ކައުންސިލްތަކަށް ދިން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ހެޔޮ ބަދަލުގެ ބޭނުން ހިފައި، މިއިން ދުވަހަކު ރާއްޖޭގެ ރަށްތަކުގެ ރަށްވެހީންނަށް ލިބިފައި ނުވާ އެތައް ހިދުމަތްތަކެއް ރާއްޖޭގެ އެކި އެކި، ކަންކޮޅުތަކުގައި ކަންސިލުތަކުން، ގާއިމްކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. ކަންމިހެން އޮތްނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މާލީ ބާރުވެރިކަމާއި އިދާރީ ބާރުވެރިކަމާއި އިހްތިސާސްގެ ބާރުވެރިކަން ކައުންސިލަށް ގެއްލި، ރައްޔިތުން، 5 އަހަރު ދުވަހަށް، އިންތިހާބުކޮށްފައިވާ ކައުންސިލްތައް 1 އަހަރު ދުވަހުގެ މުއްދަތަކަށް ޕެރަލައިޒްވެގެން ދާނެއެވެ،" ދެ ކައުންސިލްގެ ބަޔާނުގައި ވެސް ބުނެފައިވެ އެވެ.

މި ބިލް ފާސްނުކޮށް އަނބުރާ ގެންދިޔުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގޮވާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި އެމްޑީއޭގެ މެންބަރު، މުހައްމަދު އައްބާސް ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައިވެ އެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލް އަވަސް އަރުވާލައިގެން ފާސްކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ބިލަށް ރައްޔިތުންނާއި ކައުންސިލްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، ބިލާމެދު ރައްޔިތުންނަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތެއް މަޖިލީހުން ނުދެ އެވެ. އެ ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލީ އިއްޔެ ހަވީރު 6:00 ގަ އެވެ. އެކަމުގެ ސުންގަނޑިއަކީ މިއަދު މެންދުރު 13:00 އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅަން 24 ގަޑިއިރު ވެސް ދޭން ރައްޔިތުންގެ މަޖިލީހުން ބޭނުމެއް ނުވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގައި ވީ ވައުދާ އެއްގޮތަށް އަމަލު ނުކުރާތީ އާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ، އަދި ޑޮލަރު ވެސް 20ރ. އަށް އުފުލި، މުދަލާއި ހިދުމަތުގެ އަގު ބޮޑުވެފައިވާތީ އަދި ހިންގުމުގައި ދޯހަޅިކަން ހުރުމުން ރައީސް މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން އިތުރުވެ، ތާއިދު ދަނީ ކުޑަވަމުންނެވެ.

މި ބިލާ ދެކޮޅަށް ބަސް ބުނެފައިވާ ބައެއް ފަރާތްތައް