Advertisement

ކައުންސިލްތަކުގެ ބާރު ހަނިކުރަން ސަރުކާރުން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް

4 އޮގަސްޓު 2025 - 13:41 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެންބަރުން. ޕީއެންސީގެ މެންބަރުން މި ބިލާ އެއްކޮޅަށް ވޯޓު ދެއްވި --- ފޮޓޯ: މަޖިލިސް އިދާރާ


ކައުންސިލްތަކުގެ ބާރު ހަނިކުރަން ސަރުކާރުން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް

4 އޮގަސްޓު 2025 - 13:41 0

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެނެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ފެށިއިރު އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ. މިއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުންނެވެ.

ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ އެންމެ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.