Advertisement

ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ޖަމީލް އެކަނި

3 އޮގަސްޓު 2025 - 21:55 0

ފަނޑިޔާރު ޖަމީލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށްފަހު: ކުރިން ސިވިލް ކޯޓުގައި މަސައްކަތް ކުރެއްވި -- ފޮޓޯ: ހައި ކޯޓު


ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ޖަމީލް އެކަނި

3 އޮގަސްޓު 2025 - 21:55 0

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް، އޭނާ އަމިއްލައަށް ނަން ނެގުމުން މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ކުރިން ހަމަޖެހިފައިވާ ގޮތާ ހިލާފަށް އެންމެ ބޭފުޅެކެވެ.

މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އަބްދުﷲ ޖަމީލެވެ. އޭނާއަކީ ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރެކެވެ. އަދި އެކި ކޯޓުތަކުގައި 15 އަހަރު ފަނޑިޔާރުކަން ކުރެއްވި އެވެ. ފެބްރުއަރީ، 2019، ގެ ފަހުން މަސައްކަތް ކުރައްވަނީ ވަކީލެއްގެ ގޮތުގަ އެވެ.

ފަނޑިޔާރު ޖަމީލު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ހައި ކޯޓުގެ ފަނޑިޔާރުން އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބައެއް މެންބަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް ނަން އޮތް ޝަހީދު، ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންދަން ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކާއި ވަރަށް ގިނަ އާންމުންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އޭނާ ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އޮތީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ، ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ ދެ މަގާމަކަށް އައްޔަން ކުރުމުންނެވެ.

މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.