Advertisement

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބޭނުމަކީ ރައްޔިތުންގެ ބާރުވެރިކަން ނަގައިލުން: ފައްޔާޒް

3 އޮގަސްޓު 2025 - 15:50 0

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: އަދަދު ފައިލް


ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބޭނުމަކީ ރައްޔިތުންގެ ބާރުވެރިކަން ނަގައިލުން: ފައްޔާޒް

3 އޮގަސްޓު 2025 - 15:50 0

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ރައްޔިތުންގެ ބާރުވެރިކަން ނަގާލައި، އަމިއްލައަށް ކަންކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ޖުލައި 27، ގައި ހުށަހެޅި އިސްލާހުގެ ބަހުސް މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތައް ހަނި ކުރުން ހިމެނެ އެވެ.

އެ ބިލަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި އާމްދަނީ ހޯދޭނެ ގޮތްތައް ކަނޑައަޅަންޖެހޭނީ ސަރުކާރުން ނޫން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް. ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީމައި ސަރުކާރަކުން ނޫން،" ކުރީގެ އިގްތިސާދީ މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ، ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑި، ކައުންސިލްތަކުން ސަރުކާރަށް އަޅުވެތިވާން މަޖުބޫރުވާނެ ކަމަށެވެ.

"ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭ. މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ. ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ.

ކައުންސިލްތަކުން ހިލޭ ބިން ދޫކުރުން މަޖުބޫރުވާނެ ފަދަ މާއްދާއެއް ވެސް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ހިމަނާފައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އެއް އަހަރު އޮވެއްޖެ ނަމަ މުވައްޒަފުން ނެގުމާއި ބިމާއި ފަޅާއި ފަރު ކުއްޔަށް ދިނުމާއި ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ދަތިތަކެއް އެ ބިލުން ވަނީ ކުރިމަތިކޮށްފަ އެވެ. އިސްލާހުގައި ބުނެފައިވާ ގޮތުން އެއިން އެއްވެސް ކަމެއް ކުރެވޭނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި މާލީ ވުޒާރާގެ ހުއްދަ ނަގައިގެންނެވެ.