Advertisement

ޕީއެންސީގެ އެކްޓިވިސްޓު ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ދަށު ކޯޓުން ބަލައިގެންފި

3 އޮގަސްޓު 2025 - 09:10 0

މުއިއްޒާއި ޝަހީދު: އޭނާއަކީ ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި މީހެއް -- ފޮޓޯ: ސޯޝަލް މީޑިއާ


ޕީއެންސީގެ އެކްޓިވިސްޓު ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ދަށު ކޯޓުން ބަލައިގެންފި

3 އޮގަސްޓު 2025 - 09:10 0

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓު ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން، ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޝަހީދު ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލި ބޭފުޅެކެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަވާ މީހަކަށް ނުވާތީ، އޭނާ އައްޔަން ކުރުން މަޑުޖައްސާލަން ކޯޓު އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން، ޝަހީދު ހައި ކޯޓަށް އައްޔަން ކުރުމަށްޓަކައި ވަރަށް ބާރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އޭނާ އައްޔަން ކުރުމުގެ ހަފުލާ މިއަދު ބާއްވަން ކޮމިޝަނުން ވަނީ ހުރިހާ ކަމެއް ނިންމައިފަ އެވެ.

ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އެބަ އޮތެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ ދެ މަގާމަކަށް އައްޔަން ކުރުމުންނެވެ.

މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.