ސްރީލަންކާގެ ރައީސް ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރަށް ފަހު ފުރައިވަޑައިގަތުމަށް ރަތް ދޫލައިގެ މަތީގައި މަތިންދާ ބޯޓަށް ވަޑައިގަންނަވާއިރު، އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް. -- ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ ރައީސް ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރަށް ފަހު ރޭ ފުރައިވަޑައިގެންފި އެވެ.
ޖުލައި 28-30 އަށް ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރެވެ.
މި ދަތުރުގައި ރާއްޖެ އާއި ސްރީ ލަންކާއާ މެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
ފުރަތަމަ އެއްބަސްވުމަކީ ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން ދައުވާ ކުރުމުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގެ ދަށުން ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގަށް ލިބޭ އެކި މައުލޫމާތާއި ހެކި ގަރީނާގެ މައުލޫމާތު ބަދަލު ކުރުމާއި ކުށްތަކާ ގުޅިގެން ދައުވާ އުފުލުމުގައި ގާނޫނީ އިޖުރާއަތް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.
އޭގެ އިތުރުން ހާރިޖީ ގުޅުންތަކާއި އެ ދާއިރާއިން ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އާއި ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓީއުޓް އާ ދެމެދު ވެސް ސޮއިކުރި އެވެ.
އެ އެމްއޯޔޫގެ ދަށުން ހާރިޖީ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް ހިންގުމާއި ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.
ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އާ ކުރައްވަމުން ދެ ގައުމުގެ ވެރިން ގުޅިފައިވާ ބަޔާނެއް ދެއްވި އެވެ އަދި ސްރީލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ޖާފަތެއް ވެސް ދެއްވި އެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ.
Comment