30 ޖުލައި 2025 - 08:26 4
ހަމްދާން ޝަކީލު: ފްލެޓުގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ފައިސާ ކުރީ ބައިގައި އޮތީ ހަމަޖައްސާފައި -- ފޮޓޯ: އަދަދު ފައިލް
30 ޖުލައި 2025 - 08:26 4
ކުރީ ސަރުކާރުން ރާވާފައި އޮތީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރި 4000 ފްލެޓުގެ ފިނިޝަން މަސައްކަތް ނުކުރަން ކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ދޮގު ހައްދަވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، ކުރީ ސަރުކާރުން ނިންމާފައި އޮތީ ފެނާއި ކަރަންޓުގެ ވިއުގަ ފްލެޓުތަކަށް ގުޅުން ހިމެނޭ ގޮތަށް ފިނިޝިންގެ ބައެއް މުހިންމު މަސައްކަތް ނުކުރަން ކަމަށެވެ.
"މިހާރު ކުރެވެމުންދަނީ ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހުގެ ސަރުކާރުގެ ނުކުރަން ނިންމި މަސައްކަތް،" ހަމްދާން ވިދާޅުވެފައި އޮތެވެ.
އެކަމަކު، ފަހި ދިރިއުޅުން ކޯޕަރޭޝަނެއް ފޮނުވި އާރްޓީއައި އެއްގެ ޖަވާބުގައި އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ކުރީ ސަރުކާރުން ވެސް ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރަން ރާވާފައި އޮތް ކަމަށެވެ.
"ފުރިހަމަ އިމާރާތެއްގެ ގޮތުގައި ރައްޔިތުންނަށް މި މަޝްރޫއުގެ ޔުނިޓުތައް ހަވާލު ކުރުމަށްޓަކައި، މި މަޝްރޫއު ފެށިގެން އައި އިރު ވެސް މި ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ރޭވިފައި އޮތީ ބޭރުގެ ބަޖެޓެއް ނުވަތަ ފަންޑެއް މެދުވެރިކޮށް،" އެ ކޯޕަރޭޝަނުން ބުނެފައި އޮތެވެ.
ހަމްދާން ޝަކީލު ދޮގު ހެދުމުން ކުރިން ވެރިކަން ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ، 4000 ފްލެޓުގެ މަޝްރޫއު ފަށާފައި ވަނީ ފްލެޓުގެ ފިނިޝިންއަށް ކުރީބައިގައި ފަންޑު ހޯދައިގެން ކަމަށެވެ.
"ޖުމްލަ 32 ޓަވަރުގައި 3 ކޮޓަރީގެ 2800 ޔުނިޓާއި ދެ ކޮޓަރީގެ 1200 ޔުނިޓު ހިމެނޭ މި ޕްރޮޖެކްޓުގެ މަސައްކަތް އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ފަށާފައި މި ވަނީ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ހަމަޖައްސައިގެން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރި 4000 ފްލެޓު ލިބުނު މީހުންނާ ފްލެޓު ހަވާލު ކުރުމަށްޓަކައި އެގްރިމެންޓުގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެކަމަކު މިހާތަނަށް އެއްވެސް ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށްފައެއް ނުވެ އެވެ.
ފްލެޓުތަކުގެ އެގްރިމެންޓު މި ސަރުކާރުން ހެދީ، ކުލި ނުދައްކައިފި ނަމަ ބޮޑު ޖޫރިމަނާއެއް އަރާ ގޮތަށެވެ. އަދި ކުލި ނުދައްކާ ނަމަ ކިތަން ގިނަ ދުވަހެއް ވަންދެން ފައިސާ ދެއްކި ނަމަވެސް ފްލެޓު އަތުލެވިދާނެ ކަމަށް ކޮންޓްރެކްޓުގައި ލިޔެފައިވެ އެވެ.
Comment