29 ޖުލައި 2025 - 14:28 0
29 ޖުލައި 2025 - 14:28 0
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތް، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑް އާކޮށްފި އެވެ.
މި މުބާރާތުގެ ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރުގެ ބަޓަފްލައި އިވެންޓުގައި ވާދަކޮށް ރިހާން ގައުމީ ރެކޯޑް އާކުރީ 02:25.20 އިން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން ވެސް މި ރެކޯޑް އޮންނަނީ ރިހާން އަތުގަ އެވެ. އޭނާ އެ ފަހަރު ރެކޯޑް ހެދީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު ރިހާން ރޭސް ނިންމީ 02:28.17 އިންނެވެ.
މީގެ އިތުރުން، ރިހާން އަތުގައި މިހާރު ވެސް 50، 100، މީޓަރު ބަޓަފްލައިގެ ގައުމީ ރެކޯޑް އޮވެ އެވެ. އެ ރެކޯޑްތައް ރިހާން ހެދީ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ވާދަކޮށެވެ.
ރިހާންގެ ރެކޯޑް ހިމެނޭ ގޮތަށް، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން މި ވަނީ ތިން ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ.
އެ ގޮތުން، މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ، 16 އަހަރުގެ، މެރާލް އައިން ލަތީފް ވަނީ، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ. އަދި، 14 އަހަރުގެ އަމްނާ ތަޒްކިޔާ މިރުސާދު ވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފަ އެވެ.
Comment