Advertisement

ކާބޯތަކެތި އިމްޕޯޓް ކުރަން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުމަށް ފާޑުވިދާޅުވި ރައީސްއަށް މިހާރު އެކަން މައްސަލައަކަށް ނުވި

28 ޖުލައި 2025 - 21:32 1

ރައީސް މުއިއްޒު: ވިދާޅުވެފައި އޮތީ އިންޑިއާއިން އެކަނި ޒަރޫރީ ކާބޯތަކެތި ގެނައުން ނިމުމަކަށް ގެނެސް ތުރުކީއިން ބައެއް ތަކެތި ގެންނަން ފަށާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކާބޯތަކެތި އިމްޕޯޓް ކުރަން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުމަށް ފާޑުވިދާޅުވި ރައީސްއަށް މިހާރު އެކަން މައްސަލައަކަށް ނުވި

28 ޖުލައި 2025 - 21:32 1

ދިވެހިރާއްޖެއަށް އެތެރެ ކުރާ ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ގެންނާތީ އެކަމަށް ކުރިން ފާޑުވިދާޅުވުމަށްފަހު އެއީ މައްސަލައެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ހުކުރު ދުވަހު ދެއްވި ސްޓޭޓްމަންޓުގައި، އިންޑިއާއިން ކާބޯތަކެތި އިމްޕޯޓް ކުރުން މުއިއްޒު ސިފަ ކުރެއްވީ އެހީއެއްގެ ގޮތުގަ އެވެ.

"ޓްރޭޑް އެގްރިމެންޓުގެ ދަށުން ޒަރޫރީ ކާބޯތަކެތި [ކޮމޯޑިޓީސް] އެކްސްޕޯޓްކޮށްދީ، އިންޑިއާއިން މެދުނުކެނޑި ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމަކީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގުޅުމުގެ މުހިންމު ބައެއް،" މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، އިންޑިއާއާ ވާދަވެރި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވަޑައިގެން ހުޅުލޭގައި ވާހަކަ ދައްކަވަމުން ޖެނުއަރީ 13، 2024، ގައި މުއިއްޒު ވަނީ، ކާބޯތަކެތި ގެނައުމަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮންނާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖެއަށް ބޭނުންވާ ބައެއް ކާބޯތަކެތި ތުރުކީއިން ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ދުވަހު އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް، ހަނޑޫ، ހަކުރު، ފުށް މިހާރު އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެއްބަސްވުމުގައި ސޮއިކޮށްފައި މިހާރު. ހަނޑޫ، ހަކުރު، ފުށާއި، އެކިއެކި ބާވަތްތައް، ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ބޭނުންވާވަރުގެ އިތުރަށް، 10 ޕަސެންޓް ލާފައި މިހާރު ވާނީ އެއްބަސްވުން ހެދިފައި،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާއާ ހެދި ދިވެހިރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަމަށް ވިދާޅުވަމުންނެވެ. އަދި ފަހުން ވެރިކަމަށް ވަޑައިގަތުމަށްފަހު، އިންޑިއާއާ ފެޔަށްޖެހުމުގެ މަގު ޗާޓެއް އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ. ނަމަވެސް ޗައިނާއިން ލިބޭނެ ކަމަށް ލަފާ ކުރި އެހީތެރިކަން ނުލިބުމާއި ރާއްޖެ މާލީ ދަތިކަމަކަށް ވެއްޓުމުން އިންޑިއާއާ ގުޅުން ބަދަހި ކުރަން މުއިއްޒަށް މަޖުބޫރުވި އެވެ.

އޭގެ ފަހުން އޭޕްރީލް، 2025، ގައި އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ޒަރޫރީ ކާބޯތަކެތީގެ ކޯޓާ ދިވެހި ސަރުކާރުން އެދިގެން އެ ގައުމުން އިތުރު ކުރި އެވެ. ކޯޓާ އިތުރުކޮށްދިނީ ހިލަ، ހިލަވެލި، ކުކުޅު ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުންނެވެ.