28 ޖުލައި 2025 - 20:48 1
ރައީސް ޑިސަނަޔަކެ އަދި ރައީސް މުއިއްޒު: ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރި -- ފޮޓޯ: ރައީސް އޮފީސް
28 ޖުލައި 2025 - 20:48 1
ދިވެހި ވިޔަފާރިވެރިން ސްރީ ލަންކާގައި އިންވެސްޓު ކުރުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން ޑިސަނަޔަކެ ވިދާޅުވީ، ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އިތުބާރު ކުރެވޭނެ މަންޒިލެއް ކަމަށެވެ.
"ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އިތުބާރު ކުރެވޭނެ މަންޒިލެއް. އައިޓީ، އޭއައި، ފިޝަރީޒް، އެގްރޯ ޕްރޮސެސިން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި ދިވެހި ވިޔަފާރިވެރިން އިންވެސްޓު ކުރަން އަޅުގަނޑު ދައުވަތު އަރުވަން،" ޑިސަނަޔަކެ ވިދާޅުވި އެވެ.
ވިޔަފާރިވެރިން ބޭނުންވާ ހުއްދަތަކާއި ލައިސެންސްތައް ހޯދަން ލަންކާއިން ތައާރަފު ކުރި ސިންގަލް ވިންޑޯ ސިސްޓަމްއާ ބެހޭ މައުލޫމާތު ޑިސަނަޔަކެ ވަނީ ރައީސް މުއިއްޒަށް އަރުވައިފަ އެވެ. އަދި ލަންކާގައި އިންވެސްޓު ކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް މިހާރު ހަމަޖައްސައިދީފައިވާ ލުއިތަކުގެ މައުލޫމާތު ވެސް ޑިސަނަޔަކެ ވަނީ މުއިއްޒަށް ދެއްވައިފަ އެވެ.
ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި، ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރި އެވެ. ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ލަންކާގައި މިހާރު ވެސް ކިޔަވާތީ، އެކަމާ ގުޅޭ ގޮތުން ވެސް މިއަދު މަޝްވަރާ ކުރި އެވެ.
އޭގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތުން ދިވެހި އިގްތިސާދަށް ކުރާ ހިއްސާއާ ގުޅޭ ގޮތުން ވާހަކަ ދެ ގައުމުގެ ރައީސުން ވާހަކަ ދެއްކެވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުގެ މެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރު ކުރަން ވެސް މިއަދު މަޝްވަރާ ކުރި އެވެ.
Comment