27 ޖުލައި 2025 - 07:48 0
27 ޖުލައި 2025 - 07:48 0
ލަންޑަން (ޖުލައި 27) - ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އާސެނަލާ އެކު ސޮއިކުރުމަށް ފަހު، ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝްގެ އަމާޒަކީ އާސެނަލާ އެކު އެންމެ މަތީ ލެވަލްގައި ފެންވަރު ސާބިތުކޮށްދިނުން ކަމަށް ބުނެފި އެވެ.
ގިނަ ހަފްތާތަކެއްގެ މަޝްވަރާތަކަށް ފަހު، ޔޯކެރޭޝް، ވަނީ އާސެނަލަށް ސޮއިކޮށްފަ އެވެ. އެ ގޮތުން، އާސެނަލުން ސްޕޯޓިން ލިޒްބަން އަށް ޔޯކެރޭޝް ގަންނަން ފުރަތަމަ 68 މިލިއަން ޑޮލަރު ދައްކާނެ އެވެ. އަދި، އާސެނަލްގައި ޔޯކެރޭޝް ދައްކާ ކުޅުމަށް ބަލާފައި އިތުރު 10 މިލިއަން ޑޮލަރު ބަހާލައިގެން ދައްކަން ވެސް ވަނީ އެއްބަސްވެފަ އެވެ.
"މި ކްލަބްގެ ޖޯޒީ ލައިގެން، މި ކްލަބްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބު ހޯދަން އަހަރެން ބޭނުން، ދެން، އެންމެ ބޮޑު ޓާގެޓަކީ ކާމިޔާބު ހޯދައި، މި ލެވަލްގައި ވެސް އަހަރެންގެ ފެންވަރު ސާބިތުކޮށްދިނުން، އަހަންނަކީ ގޯލު ޖަހަން އަބަދު ބޭނުންވާ މީހެއް، ކެތްމަދުވެފައި މި ހުރީ އާސެނަލް ޖޯޒީގައި ވެސް އެކަން ހާސިލްކުރުމަށް،" ސްވިޑެން ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޔޯކެރޭޝް ބުންޏެވެ.
ކުރިން ކަވެންޓްރީ ސިޓީ އާއި ބްރައިޓަން އަށް ކުޅުނު ޔޯކެރޭޝް އަށް އެ ދެ ކްލަބްގައި އެންމެ އެދެވޭ ކުރިއެރުމެއް ނުހޯދުނުއިރު، އޭނާ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ، ސްޕޯޓިން އަށް ބަދަލުވެ، ތަފާތު ދައްކަން ފެށި ފަހުންނެވެ.
އާސެނަލާއި ސްޕޯޓިން އިން ޔޯކެރޭޝްގެ ޑީލުގެ މަޝްވަރާތައް މަޑުޖެހުނު މުއްދަތުގެ ތެރޭގައި، ޔުނައިޓެޑުން ވަނީ، ޔޯކެރޭޝްގެ ޑީލުގެ ތެރެއަށް އަލުން ވަދެ، އޭނާ ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި، ޔޯކެރޭޝް ނިންމީ އިތުރު އެއްވެސް ކްލަބެއްގެ އޮފާ އަށް ނުބަލައި، އާސެނަލަށް ސޮއިކުރުމަށެވެ.
Comment