Advertisement

ގިބްސް-ވައިޓް ނިންމީ ފޮރެސްޓްގައި މަޑުކުރަން

27 ޖުލައި 2025 - 07:37 0


ގިބްސް-ވައިޓް ނިންމީ ފޮރެސްޓްގައި މަޑުކުރަން

27 ޖުލައި 2025 - 07:37 0

ލަންޑަން (ޖުލައި 27) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނޮޓިންހަމް ފޮރެސްޓް ދޫކޮށްލާނެ ކަމަށް ބެލެވުނު އިނގިރޭސި މިޑްފީލްޑަރު، މޯގަން ގިބްސް-ވައިޓް، އެ ޓީމުގައި މަޑުުކުރަން ނިންމައިފި އެވެ.

ކުރިން ވުލްވްސް އަށް ކުޅުނު އުމުރުން 25 އަހަރުގެ ގިބްސް-ވައިޓް ގަންނަން ޓޮޓެންހަމް އިން ހުށަހެޅި 82 މިލިއަން ޑޮލަރުގެ ޑީލާ އެކު، އެ ޓްރާންސްފާ ނިމޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، ފަހުން ގިބްްސް-ވައިޓްގެ ހިޔާލު ބަދަލުވެ، އޭނާ ވަނީ ފޮރެސްޓާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ޓޮޓެންހަމް އިން ގިބްސް-ވައިޓް ގަންނަން މަސައްކަތް ކުރީ ޓްރާންސްފާގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ، ފޮރެސްޓުން އެ މައްސަލަ ހުށަހަޅަން ވެސް ތައްޔާރުވި އެވެ.

އިންގްލެންޑް ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ގިބްސް-ވައިޓް ބުނެފައިވަނީ، ފޮރެސްޓްގައި މަޑުކުރީ އެ ކްލަބްގައި ވަރަށް ހާއްސަ ކަންތައްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އޮވެ، އެ ކަންކަމުގައި އޭނާގެ ހިއްސާ އޮންނަން އެދޭތީ އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ސްވަންސީ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑަށް ވެސް ކުޅުނު ގިބްސް-ވައިޓް ވަނީ އިންގްލެންޑް ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފަ އެވެ. މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިބްސް-ވައިޓް ވަނީ ފޮރެސްޓަށް ކުޅެދިން، 118 މެޗުން 18 ލަނޑު ޖަހައި، 28 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.