27 ޖުލައި 2025 - 07:25 0
27 ޖުލައި 2025 - 07:25 0
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަދާ ރީޖަނަލް އެސޯސިއޭޝަންތަކުގެ ޓީމުތަކަށް/ކްލަބްތަކަށް ރާއްޖޭގެ މައި ލީގަށް އާދެވޭނެ ލަމަށް އެފްއޭއެމްގެ ރައީސް ކަމަށް އިއްޔެ އިންތިހާބުވި އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ފުރިހަަމަ އަގުލަބިއްޔަތަކާ އެކު، އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި ތޯރިގު، އިއްޔެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އުންމީދަކީ މަސައްކަތް ފަށައިގަންނައިރު ވެސް މުބާރާތްތައް ސްޕޮންސަރުން ހޯދައިގެން ކުރިއަށްގެންދިއުން ކަމަށެވެ.
އަދި، ސަރުކާރުގެ އެހީތެރިކަމާ ނުލައެއް މި ވަގުތު އެފްއޭއެމް ސަލާމަތެއްނުކުރެވޭނެ ކަމަށާއި ސަރުކާރުގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިން ވެސް ފާހަގަކުރި ގޮތަށް ފުޓްބޯޅައިގެ ބޭނުމަށްޓަކައި، ރާއްޖެ ހަތަރު ސަރަހައްދަކަށް ބެހުމަށް ފަހު، އެ ހަތަރު ރީޖަން އިން ރާއްޖޭގެ ކްލަބްތަކަކަށް، ރީޖަނަލް، އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ރީޖަނަލް އެސޯސިއޭޝަންތައް ކްރިއޭޓްކުރުމުގެ މަގްސަދުގެ ތެރޭގައި، ފުރަތަމަ އަހަރު ވެސް މުބާރާތްތައް ބާއްވާނެ. ހަތަރު ރީޖަން އަށް ބަހާލައިގެން، އޭގެ ތެރެއިން އަތޮޅު މުބާރާތް ނިންމުމަށް ފަހު، ޒޯން ވައިސްކޮށް ނިންމުމަށް ފަހު، ރީޖަނަލް ލީގެއް އެ ތިން ސަރަހައްދު މާލެ ފިޔަވައި، ތިން ސަރަހައްދުގައި އޮންނާނެ. މާލޭގެ ސެކަންޑް ޑިވިޝަން އަކީ، މި ރީޖަންގެ އެ ސެކަންޑް ލީގު ކަމަށް ބަލައިގެން ކުރިއަށްގެންދާނީ، އެހެންވީމަ، ރާއްޖޭގެ ހަތަރު ސަރަހައްދަކުން، މި އަންނަ، އަހަރުގެ ޕްރިިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެ،" މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެއް ފައުންޑަރު، ތޯރިގު ވިދާޅުވި އެވެ.
"މިސާލަކަށް ހއގެ ރީޖަންގައި ކުޅޭ ޓީމުތަކުން، އަދި އޭގެއިން، ހ އިން ފެށިގެން، ޅ އަށް ދޭތެރޭގެ ރީޖަނަލް އެސޯސިއޭޝަނެއް ކުރިއަށް އޮތްތާގައި އުފެއްދޭނެ، އެއީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ވެސް، ކުޅޭ ޓީމުތައް، ބައިވެރިވާ ރީޖަނަލް އެސޯސިއޭޝަންގެ މެމްބަޝިޕް ލިބޭނެ. އަދި އެ ރީޖަނަލް އެސޯސިއޭޝަނަކީ، އެފްއޭއެމް އެފިލިއޭޓްވާ ރީޖަނަލް އެސޯސިއޭޝަނަކަށްވީމަ، އެފްއޭއެމްގެ ކަންކަމުގައި ބަސްބުނުމުގައި، ރާއްޖޭގެ މި ދެންނެވި ހަތަރު ރީޖަން އިން މުސްތަގުބަލުގައި އަންނާނެ،"
އެފްއޭއެމްގެ ރައީސްކަން 2016 ވަނަ އަހަރު، ހަތަރު ވަރަކަށް މަސް ދުވަސް ވަންދެން ކުރި ތޯރިގު ވިދާޅުވީ، އެފްއޭއެމްގައި ރަނގަޅުކުރަން ޖެހޭ ބައިވަރެއް ކަންތައްތައް އެބަހުރި ކަމަށާއި ކަލަންޑަރު ކުރެވޭ މުބާރާތް ފުރިހަމަ ކުރަން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށެވެ. އެ ގޮތުން، ފުރަތަމަ ސީޒަނުގައި ވެސް މުބާރާތްތައް ބަރާބަރަށް އެންމެ ފުރަތަމަ ރޭވިގޮތަށް ބަދަލެއް ނުގެނެސް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"މުބާރާތެއް އިއުލާނުކުރާ ކަމަށް ވިއްޔާ، އެ މުބާރާތެއް ނިންމުމުގެ ޓާގެޓެއް ނެތި މަސައްކަތް ކުރީމަ، މި ފެނުނީ ތިން ހަަތަރު އަހަރު ދުވަހުގެތެރޭގައި، ލީގެއް ފަށައިފިއްޔާ ތިން ބުރުގެ ތެރެއިން ދެ ބުރު ކުޅޭނީ، ރެލިގޭޓްވާ ޓީމު އެނގޭނީ އެ ދާ ހިސާބަކަށް ދިޔައީމަ އެ ދާނެތޯ ނުވަތަ ނޫންތޯ. އަދި އަތޮޅު ތެރޭގެ މުބާރާތް ވެސް ވަކި ހިސާބަކަށާް ގޮސްފައި ހުއްޓިފައި މި އޮންނަނީ،" ތޯރިގު ވިދާޅުވި އެވެ.
އެފްއޭއެމްގައި ހުރި މާލީ މައްސަލަތަކަށް ބަލާއިރު، ދައްކަން ޖެހޭ ދަރަނީގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހޭ 30 ވަރަކަށް މިލިއަން ރުފިޔާ އެބައޮތް ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ އެ ފައިސާ ދެއްކުމުގައި ހައްލުތަކެއް ހޯދައިދޭން މަޝްވަރާކުރާނެ ކަމަށް ވިދާޅުވެފައި ކަމަށް ތޯރިގު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ކަމަށް ބުނެ، ކޯޓު މަރުހަލާގައި ހުރި ބައެއް ފައިސާގެ މައްސަލަތަކަށް ބަލާއިރު، އެއީ ދައްކަން ޖެހޭ ދަރަނިތޯ ވެސް ބަލާނެ ކަމަށް ތޯރިގު ވިދާޅުވެފައިވެ އެވެ.
Comment