26 ޖުލައި 2025 - 23:35 0
ލީވާން އަލީ ނާސިރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
26 ޖުލައި 2025 - 23:35 0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްލައިޓްތައް ނުޖެއްސި ޑައިވާޓް ކުރަން ފަށައިފި އެވެ.
އެފްއައިއެސް ވެބްސައިޓުން ދައްކާ ގޮތުގައި މިހާތަނަށް ވީއައިއޭއަށް ނުޖެއްސި ހަތަރު ފްލައިޓެއް ޑައިވާޓް ކޮށްފައިވެ އެވެ. އަދި ހަ ފްލައިޓެއް ޑިލޭ ވާނެ ކަމަށް ވެސް އެ ވެބްސައިޓުން ދައްކަ އެވެ.
ޑައިވާޓްކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ކުއަލަންޕޫރުން އައި ބަޓިކް އެއާގެ ފްލައިޓަކާއި ކާޑެއްދޫ/ކޫއްޑޫ އިން އައި މޯލްޑިވިއަންގެ ފްލައިޓެއްގެ އިތުރުން ފުވައްމުލަކުން އައި މޯލްޑިވިއަންގެ ފްލައިޓެކެވެ.
ވީއައިއޭއަށް ފްލައިޓްތައް ނުޖެއްސި ޑައިވާޓް ކުރަން ޖެހުނު ސަބަބެއް އެމްއޭސީއެލް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ކުރިއަށް ގެންދިޔަ ޑްރޯން ޝޯއަށް ބޭނުންކުރި ބައެއް ޑްރޯންތައް ހަވާ އެރުވި ގަޑީގައި މިސްރާބު އޮޅި މޫދަށާއި އެކި ސަރަހައްދުތަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިގޮތުން ވީއައިއޭއަށް ފްލައިޓްތައް ނުޖައްސައި ޑިލޭކުރުވީ އަދި ޑައިވާޓް ކުރުވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވެ އެވެ.
ވީއައިއޭއަށް ފްލައިޓްތައް ނުޖެއްސި ޑައިވާޓް ކުރަން ޖެހުމުންނާއި ޑިލޭ ކުރަން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މިގޮތުން ރޭވުންތެރިކަމާއެކު ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާ ކަމުގެ ޝަކުވާތައް އެކި މީހުން ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވީއައިއޭގެ އެކްސްޕެންޝަން މަޝްރޫއުގެ އެންމެ ފަހު މަސައްކަތްތައް ފަށައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި އާ ޓާމިނަލް ހުޅުވީ މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިރޭ ހުޅުވި އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލުގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގައި ހުންނަ ޕެސެންޖާ ބޯޑިން ބްރިޖުތަކެވެ. އާ ޓާމިނަލުގައި ޖުމުލަ 12 ޕެސެންޖާ ބޯޑިން ބްރިޖު ހުރެ އެވެ.
Comment