Advertisement

މިނިވަން ދުވަހު ކޯއްޓޭއަށް ގައުމީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2025 - 06:29 0

ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ހާއްސަ ދުއާއެއް ކުރުން އޮތް -- ފޮޓޯ: ރައީސް އޮފީސް


މިނިވަން ދުވަހު ކޯއްޓޭއަށް ގައުމީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2025 - 06:29 0

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގެ ކޯއްޓޭ އަށް ގައުމީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.

ހުނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޯއްޓޭއަށް ދިދަ ނެގުމަށް ފަހު ހާއްސަ ދުއާއެއް ކުރި އެވެ. އެ ދުއާ ކޮށްދެއްވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އައްޝައިޚް އިއްޒުއްދީން އަދުނާނު އެވެ.


ރަސްމިއްޔާތު ނިންމައިލީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭންޑުން ކުޅުނު ގައުމީ ސަލާމުންނެވެ.

އިނގިރޭސީންގެ ހިމާޔަތުގައި އޮތުމަށް ފަހު ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

ފަސްދޮޅަސް ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު މާލޭގައި ހާއްސަ ޕެރޭޑެއް އޮންނާނެ އެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.