26 ޖުލައި 2025 - 08:22 0
26 ޖުލައި 2025 - 08:22 0
ނިއު ދިއްލީ (ޖުލައި 26) - އިންޑިއާ އިން 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސް ބޭއްވުމަށް ބިޑް ކުރާނެކަން އެ ގައުމުގެ އޮލިމްޕިކް ކޮމިޓީ އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯއޭ) އިން ހާމަކޮށްފި އެވެ.
އައިއޯއޭ އިން ހާމަކޮށްފައިވާ ގޮތުން އިންޑިއާ އިން އޮލިމްޕިކްސް ބިޑަށް ހުށަހެޅުމަށް ނިންމާފައިވާއިރު، އިންޑިއާގެ ބިޑަށް ބާރު ދިނުމުގެ ގޮތުން އެ އިދާރާ އިން އަންނަނީ، ޑޯޕިން އަށް ހޭލުންތެރިކުރުމަށް، މަނާބޭސް ބޭނުންކުރުމާ ދެކޮޅަށް ކެމްޕޭނެއް ވެސް ކުރުމަށް ނިންމައިފަ އެވެ.
އައިއޯއޭ އިން ބުނީ އިންޑިއާ އިން 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ނިންމާފައިވަނީ އެ ގައުމުގެ އަހުމަދުއާބާދްގައި ކަމަށެވެ.
އިންޑިއާ އިން ވަނީ މީގެ ކުރިން 2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބާއްވާފަ އެވެ. އެ ފަހަރުގެ މުބާރާތް ބާއްވާފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ރަށް، ސިޓީ ނިއު ދިއްލީގަ އެވެ.
އިންޑިއާގެ އިތުރުން 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބިޑަށް އިންޑޮނޭޝިއާ، ތުރުކީ، ޗިލީ އަދި ގަތަރުން ވެސް ބިޑް ކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.
އިންޑިއާ އިން އޮލިމްޕިކްސް ބިޑަށް ހުށަހަޅާނެކަން ހާމަކޮށްފައިވަނީ އައިއޯއޭގެ ޑެލިގޭޝަނެއް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ އަށް މިދިޔަ މަހު ބައްދަލުވުންތަކެއް ބޭއްވުމަށް ގޮސްފައިވަނިކޮށެވެ.
Comment