Advertisement

އެލްއޯސީގައި ހުރި 450 މިލިއަން ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހޯދާނެ ކަމަށް އުއްމީދު ކުރަން: ސޯލިހު

25 ޖުލައި 2025 - 14:17 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: އަދަދު


އެލްއޯސީގައި ހުރި 450 މިލިއަން ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހޯދާނެ ކަމަށް އުއްމީދު ކުރަން: ސޯލިހު

25 ޖުލައި 2025 - 14:17 1

އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން ލައިން އޮފް ކްރެޑިޓު (އެލްއޯސީ)ގެ ތެރެއިން ބޭނުން ނުކުރެވި ހުރި 450 މިލިއަން ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ތެރެއިން ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

"އެއީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރ ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާ،" ސޯލިހު ވިދާޅުވި އެވެ.

"ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރަން."

ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. ދެ ސަރުކާރުގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ނިންމާފައި ވަނީ މިއަދުގެ މެންދުރު ފަހު އެވެ.

މި ދަތުރުގައި ދެ ގައުމުން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެކަން ހާމަކޮށްފައި ވިޔަސް، އެކަންކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަށެވެ. މާދަމާ ބާއްވާ މިނިވަން ދުވަހުގެ ހަފުލާތަކުގެ ޝަރަފުވެރި މެހުމާނަކީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އެވެ.

އަވައްޓެރި އިންޑިއާއަށް ބަރޯސާ ނުވެ ރާއްޖެ ކުރިއަށް ގެންދިޔުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުވި "ދިވެހީންގެރާއްޖޭގެ އަޒުމު" ފުނޑުފުނޑުވެ، ލޯކަލް ކައުންސިލް ގާތްވާއިރު ބޮޑު އެއްވެސް މަޝްރޫއުއެއްގެ އަލަށް ނުފެށޭތީވެ، ބޮޑެތި މަޝްރޫއުތަކަށް އިންޑިއާއިން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ދަރަނި ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ. އެ ވާހަކަތައް މިހާތަނަށް ސަރުކާރުން ދޮގެއް ނުކުރެ އެވެ.

މި ސަރުކާރުން މާލީ އެހީ ހޯދަން މަސައްކަތް ކުރާ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، އުމްރާނީ އިތުރު މަޝްރޫއުތައް ހިމެނެ އެވެ.