Advertisement

ދަރަނި އަނބުރާ ދެއްކުމަށް އިންޑިއާއިން ރާއްޖެ އަށް ބޮޑު ލުޔެއް

25 ޖުލައި 2025 - 20:12 0


ދަރަނި އަނބުރާ ދެއްކުމަށް އިންޑިއާއިން ރާއްޖެ އަށް ބޮޑު ލުޔެއް

25 ޖުލައި 2025 - 20:12 0

ތަރައްގީގެ މަޝްރޫއުތައް ހިންގަން ރާއްޖޭން ނެގި ދަރަނި އަނބުރާ ދެއްކުމަށް އިންޑިއާއިން ބޮޑު ލުޔެއް ދީފި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް ލުއި ދިނުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދެ ދުވަހު ރަސްމީ ދަތުރުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު، ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް އިސްރީ ވިދާޅުވީ ލައިން އޮފް ކްރެޑިޓުގެ ތެރެއިން ބޭނުންކޮށްފައިވާ ފައިސާ ހަލާސް ކުރަން އަހަރަކު ދައްކަންޖެހޭ މިންވަރުން 40 ޕަސެންޓު ކުޑަކޮށްދީފައިވާ ކަމަށެވެ.

މި އެއްބަސްވުމާއެކު އިންޑިއާ ލައިން އޮފް ކްރެޑިޓުގެ ލޯނު އަނބުރާ ދެއްކުމަށް ކޮންމެ އަހަރަކު ދައްކަން ޖެހޭނީ 51 މިލިއަން ޑޮލަރުގެ ބަދަލުގައި 29 މިލިއަން ޑޮލަރު ކަމަށް ވިކްރަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޓިޑެއް އިންޑިއާއިން ހަމަޖައްސައި ދިނެވެ. އޭގެ ތެރެއިން މަޝްރޫއުތަކަށް ބޭނުންކުރީ 350 މިލިއަން ޑޮލަރު ކަމަށް، ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ ލޯނު އަނބުރާ ދައްކަންޖެހޭ މިންވަރު މަދުކުރި ނަމަވެސް އިންޑިއާއިން އަދި ލޯނު މައާފެއް ނުކޮށްދެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމު ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އާއެކު ޖުމުލަ 8 އެއްބަސްވުމެއްގައި މިއަދު ދެ ގައުމުން ސޮއިކުރި އެވެ.