Advertisement

އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ ހުއްޓުވާފައި އޮންނަތާ އަހަރެއް

24 ޖުލައި 2025 - 10:13 0


އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ ހުއްޓުވާފައި އޮންނަތާ އަހަރެއް

24 ޖުލައި 2025 - 10:13 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ 241 ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި އިންކުއަރީއެއް ހިންގަން (241 ކޮމިޓީ) އަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވީ ޖޫން 10، 2024، ގަ އެވެ.

އެ ދުވަހު ކޮމިޓީން ފާސްކުރީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅު، އަދި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމުގެ ކަންކަން ބެލުމަށެވެ.

އެ މައްސަލަތައް ބެލުމަށް އެކުލަވައިލީ ހަތަރު މެންބަރުންގެ ކޮމިޓީގައި ތިއްބަވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު އެވެ.

ނަމަވެސް 241 ކޮމިޓީން އަޒާން ފަހުން ވަކިކުރި އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ހިމެނޭ ޕީއެންސީގެ ބައެއް މެންބަރުންނާއި އެ ކޮމިޓީގައި ތިއްބަވާ ބައެއް އެހެން މެންބަރުން ވިދާޅުވީ އަޒާން ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުން ހުއްޓުވާފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.

"އެހެން ނޫން ނަމަ މި މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވޭނެތޯ. ސަރުކާރުން ބޭނުންވާ، ރައީސް ބޭނުންވާ އެހެން ކަންކަން މަޖިލީހުގެ ތެރެއިން އެބަ ދޭ ވަގުތުން ވަގުތަށް ފާސްވެގެން،" މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ވައުދެއް ނުފުއްދި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އަޒާން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން މުއިއްޒަށް ވޯޓު ދެއްވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށްޓަކައި އަދި މިނިވަންކަމަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާން ޖެހޭނީ އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތައް، ސަރުކާރު ހޯދަން އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޅުގަނޑުމެން އެބަޖެހޭ ބަލައި ތަހުގީގުކުރަން،" އަޒާން ވިދާޅުވެފައިވެ އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ ކަންތައްތަކެއް ހިނގާފައި ހުރިކަން އެއީ އެނގޭ ކަމެއް. އެހެންވީމ،ާ މި ކޮމިޓީނ،ް ގާނޫނުއަސާސީން މި ކޮމިޓީއަށް ދީފައި މި އޮތް ބާރު ބޭނުން ކޮށްގެން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް ތަހުގީގުކުރަން."

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އިންޑިއާއާ ގުޅުން ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ ގާތްކުރި އެވެ. އިންޑިއާއަށް ނިސްބަތްކޮށް އެ މަނިކުފާނު ވެސް ބަދު ބަސްތައް ވިދާޅުވި އެވެ. ނަމަވެސް އިންޑިއާއިން ހަރުކަށި ރައްދެއް ދިނުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރި އެވެ.

ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް އިންޑިއާގެ ނުފޫޒުގެ ނުރައްކާ އޮތް ކަމަށް މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބަވައި ތުހުމަތު ކުރެއްވި ނަމަވެސް މިހާރު އިންޑިއާ ގުޅުން ބަދަހިކޮށް، އިންޑިއާއާ ގުޅޭ ގޮތުން ކުރާނެ ކަމަށް ބުނި އެއްވެސް ކަމެއް ނުކޮށް، ހޮނިހިރު ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ދވެހިރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހުމާނަކީ މޯދީ އެވެ.