Advertisement

ބީއެމްއެލް އިން އެސްޑީއެފްސީ ގަތީ ގާނޫނާ ހިލާފަށް ކަމަށް އެމްއެމްއޭއިން ކަނޑައަޅައިފި

23 ޖުލައި 2025 - 13:31 4

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ބީއެމްއެލް އިން އެސްޑީއެފްސީ ގަތީ ގާނޫނާ ހިލާފަށް ކަމަށް އެމްއެމްއޭއިން ކަނޑައަޅައިފި

23 ޖުލައި 2025 - 13:31 4

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތީ ބޭންކިން ގާނޫނުތަކާ ހިލާފަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފި އެވެ.

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނާ އެމްއެމްއޭގެ ލިޔުމެއް މިހާރު ވަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ފޮނުވައިފަ އެވެ. ނަމަވެސް އެކަމުގައި އެމްއެމްއޭ އަދި ބީއެމްއެލްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނެފައި ވަނީ އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ނިންމީ ބޭންކުން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، ފިނޭންސުން ތައްޔާރުކުރި ކަރުދާހަކަށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް ބޭންކިން ގާނޫނު އޮންނަ ގޮތުން ބޭންކުގެ މިލްކުވެރިކަން ބަދަލުވާ ނަމަ ނޫނީ އެއް ބޭންކު އަނެއް ބޭންކާ އެއްވާނަމަ އެ ފަދަ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހެ އެވެ. މާނައަކީ ޕްރޮޕޯސަލެއް ވެސް ހުށަހެޅޭނީ އެމްއެމްއޭގެ ހުއްދަ ނަގައިގެންނެވެ. އެކަމަކު ބީއެމްއެލްއިން މި މުއާމަލާތް ހިންގީ، އެއްވެސް ހުއްދައެއް ނުނަގައި ކަން ވަނީ އެނގިފަ އެވެ.

ބޭންކިން ގާނޫނު


20. - ބޭންކުގެ މިލްކުވެރިކަން ބަދަލުވުމާއި މޭޖާ ހިއްސާދާރަކަށްވުން (ހ) އެއްވެސް ފަރާތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، ބޭންކެއްގެ މޭޖާ ހިއްސާދާރަކަށް ވާނެ ފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އެމްއެމްއޭ ގެ ހުއްދަ ހޯދަންވާނެ އެވެ. އެއްވެސް ފަރާތަކުން އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ހިއްސާ ހޯދާކަމަށް ބެލެވޭނީ އެމްއެމްއޭއަށް ގަބޫލުކުރެވޭ ގޮތުގައި، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް އެއްބަސްވުމެއްގެ ދަށުން އެ ފަރާތްތައް ގުޅިގެން ބޭންކެއްގެ ވޯޓުދިނުމުގެ ބާރު ހޯދުމަށް މަސައްކަތްކުރާނަމަ އެވެ. 21. - ބޭންކެއް އެހެން ބޭންކަކާ ނުވަތަ ބޭންކުތަކަކާ އެއްކޮށްލުން (ހ) އެމްއެމްއޭގެ ހުއްދަ ހޯދައިގެން މެނުވީ އެއް ބޭންކު އަނެއް ބޭންކާ އެއްކޮށްލައިގެން ނުވާނެ އެވެ. އަދި ހަމަ އެމްއެމްއޭގެ ހުއްދަ ހޯދައިގެން މެނުވީ ބޭންކަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް އެހެން ބޭންކެއްގެ އެސެޓުތައް ނުވަތަ އެސެޓުތަކުން ބައެއް ހޯދައިގެން ނުވަތަ ގަނެގެން ނުވާނެ އެވެ. އަދި ހަމަ އެމްއެމްއޭގެ ހުއްދަ ހޯދައިގެން މެނުވީ އެހެން ބޭންކެއްގެ ލައިބިލިޓީތަކުގެ ޒިންމާ ނަގައިގެން ވެސް ނުވާނެ އެވެ.

މި މައްސަލައިގައި މައުލޫމާތު އެނގޭ މީހަކު ބުނީ އެމްއެމްއޭއިން ވަނީ އިޖުރާއަތުތައް ރަނގަޅަށް ހިންގުމަށް ފަހު، އަލުން މި މުއާމަލާތް ހިންގަން އިރުޝާދު ދީފަ އެވެ.

އެސްޑީއެފްސީ ގަތުމަށްފަހު ބީއެމްއެލް އިން ބުނީ، އެތަން ދެން ބަދަލު ކުރާނީ ޝަރީއާ ކޮމްޕްލަޔަންޓް ވިޔަފާރިއަކަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެސްޑީއެފްސީ އޮޕަރޭޓު ކުރާނީ ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ކަމަށެވެ.

އެ ގޮތުން އެސްޑީއެފްސީ ގަތުމަށް ފަހު، ފުރަތަމަ އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500 މިލިއަން ރުފިޔާ އަދި ކުރިއަށް ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާ ދޫކުރަން ބީއެމްއެލްއިން ހުށަހެޅި ކަމަށް ސަރުކާރުން ބުންޏެވެ. އަދި އަލަށް ފަށާ ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.