22 ޖުލައި 2025 - 13:55 0
މުހައްމަދު ޝަހްޒާން
ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްލަތީފް މުހައްމަދު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
22 ޖުލައި 2025 - 13:55 0
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ފެނާއި ނަރުދަމާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންނަ އޯގަސްޓު 5 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެ އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު 2027 ގެ ނިޔަލަށް އިތުރު ކުރަން ހުށަހަޅައިފަ އެވެ.
އޭގެއިތުރުން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށް ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ މައްސަލަ ފާހަގަކޮށްފަ އެވެ.
އެ މައުލޫގައި ވާހަކަދައްކަވަމުން މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބިލަށް ވާހަކަދައްކަވަމުން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވި ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުގެ މި ދާއިރާގައި މި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގައި 15 އަހަރު މިވަނީ، ވަމުން މިދަނީ، މި ސަރުކާރުގެ ވެސް މި ދަނީ، ދެ އަހަރު ފާއިތުވެގެން. ދާއިރު އަދިވެސް ނަރުދަމާގެ ކަންތައް އޮތް ގޮތެއް ހަމަ އޮޅުން ފިލާވެސް ނުލެވުނު، އޮޅުން ފިލުވަން ދަނީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ، އިއްޒަތްތެރި ރައީސް، އެ މަސްއޫލިއްޔަތުތައް ހަވާލުވެގެން ތިބޭ މީހުންގެ ފަރާތުން އަޅުގަނޑުމެން މެންބަރުންނަށް އެދެވޭ ޖަވާބުތަކެއް ލިބެމަކުން ނުދޭ،" ޝަމީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް ދައުލަތުގެ ފައިސާ ހަރަދު ކުރެވިގެން މިދަނީ ކޮން ކަމަކަށްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ، އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތައް ސަރުކާރުތަކުން އަދާ ނުކުރެވޭކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ، ރައްޔިތުން ތަމްސީލު ކޮށްފައި ތިބި ބަޔަކު ވެސް އެ ވާހަކަދައްކަން ޖެހޭ، އެ ވާހަކަ ނުދައްކާ އެ ކަންކަން ނުކުރެވޭނެ،" ޝަމީޒް ވިދާޅުވި އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ނުނިމެ އެވެ. އެހެންކަމުން ބިލު މަޖިލީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ އިބްތިދާއީ ބަހުސްއަށްފަހު މާދަމާ ކަމަށް ބެލެވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment