Advertisement

ޑޮލަރު ސަޕޯޓު 40 ޕަސެންޓަށް ބޮޑުކުރަން، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި

22 ޖުލައި 2025 - 11:45 1

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްއޭ އޮފީސް. ޑޮލަރު ސިޔާސަތުތަކަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގުތަކަށް ދަނީ އަސަރު ކުރަމުން --- ފޮޓޯ: އަތޫފް އާތިފް/އަދަދު


ޑޮލަރު ސަޕޯޓު 40 ޕަސެންޓަށް ބޮޑުކުރަން، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި

22 ޖުލައި 2025 - 11:45 1

ޑޮލަރު މާރުކުރުމުގެ ސިޔާސަތުތަކާއި ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ސަޕްލައި ދަށް މައްސަލައިގައި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދައި ދިނުމުގެ ބޭނުމުގައި އިމްޕޯޓުގެ ބޭނުންތަކަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރަން މިއަދު ނިންމައިފި އެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް ޑޮލަރު ސަޕޯޓު ދޭން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މި ހަފުތާއިން ފެށިގެން މި ބަދަލު ގެނައުމާއެކީ، ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. މިހާރު ބޭންކުތަކުން ޑޮލަރު ސަޕޯޓުގެ ގޮތުގައި ލިބެނީ 30 ޕަސެންޓެވެ.

ބޭރު ފައިސާގެ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަން ޖެހޭ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް ބޮޑުކުރީ ހުސްވި މަހުން ފެށިގެންނެވެ. އެމްއެމްއޭއިން ބުނީ އިތުރަށް މާރުކުރާ ޑޮލަރުތައް ވެސް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަ ކަމަށެވެ.

އެމްއެމްއޭއިން މި ބަދަލު ގެނައި އިރު ބުނި ފަދައިން މިއަދު ވެސް ބުނީ، މިއީ މިހާރަށް ވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައި ދިނުމަށް ގެނައި ބަދަލެއް ކަަމަށެވެ.

އިތުރަށް މާރުކުރަން އެނގި 30 ޕަސެންޓު އަނބުރާ ބޭންކުތަކަށް ވިއްކިޔަސް އެ ފައިސާ ބޭނުންކުރެވެނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތައްތަކަށް ކަަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މި ފައިސާގެ ބޮޑު ބަޔެއް ބޭނުންކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓު ދޭން ކަމަށް އެ އިދާރާއިން ބުންޏެވެ.

ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމާއެކީ، 40 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެވޭނެ މަގުފަހިކޮށް، އެމްއެމްއޭއިން ބުނީ މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށެވެ.

ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، މިކަން ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ފެށި ނަމަވެސް އަދިވެސް ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރީ 20.20ރ. އަށެވެ.