Advertisement

ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލީގެ ބޮޑު އޮޅުވާލުން، ސަރުކާރަށް ބިލިއަނުން ފައިދާ

24 ޖުލައި 2025 - 07:24 11

އަމަން ހަލީމް

އަމަން ހަލީމް


ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލީގެ ބޮޑު އޮޅުވާލުން، ސަރުކާރަށް ބިލިއަނުން ފައިދާ

24 ޖުލައި 2025 - 07:24 11

ސަރުކާރުން އިމާރާތްކުރާ ފްލެޓުތަކުގެ ކުލި ކަނޑައަޅާ ކޮންމެ ފަހަރަކީ، ރަނގަޅު އަގުގެ ޒުވާބުތަކާއި ބަހުސްތައް އާވާ ފަހަރެކެވެ. މި ބަހުސް ހިޔާ ފްލެޓުތަކުގެ ކުއްޔާ ގުޅޭ ގޮތުން ވެސް ކުރެވިފައިވެ އެވެ.

ހިޔާ ފްލެޓުގެ ކުލި ފުރަތަމަ ކަނޑައެޅީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. އެ ސަރުކާރުގައި ލީގެ ގޮތުގައި ކަނޑައެޅީ 5،600ރ. އެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެ ފްލެޓުތައް ނިންމައި ތަންތަން ހަވާލުކުރިއިރު، ކުލި ކަނޑައެޅި ގޮތް އޮތީ ޕީޕީއެމް/ޕީއެންސީ އަށް ގޯސްވެފަ އެވެ.

އެމްޑީޕީ ސަރުކާރުން އޭރު ބުނީ ޔާމީންގެ ސަރުކާރުން ކުލި ހިސާބުކޮށްފައި އޮތީ އާންމުކޮށް ހިސާބުކުރާ ގޮތުގެ ބޭރުންނެވެ. އެހެންވެ، އެ ފްލެޓުތަކުގެ ކުލި ބޮޑު ކުރި އެވެ. އެމްޑީޕީ ސަރުކާރު އެ ނިމި، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުޑަކޮށްލީ، ޔާމީންގެ ސަރުކާރުން ކަނޑައެޅި ވަރަށް ވުރެ ވެސް ކުޑަކޮށެވެ.

ގެދޮރުވެރިޔާ ފްލެޓުތަކާ ގުޅިގެން ވެސް ހަމަ މި ވާހަކަތެކެވެ. ކުރީ ސަރުކާރުން ކަނޑައެޅި ކުލިތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަނޑައަޅާފައި ހުރި ކުލިތަކެއް ކަމަށް ބުނެ މި ފްލެޓުތަކުގެ އަގު ވެސް ބޮޑުކޮށްފި އެވެ. އާ ކުލި އިއުލާނުކުރި ދުވަހު ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު ވިދާޅުވީ އެ ފްލެޓުތަކުގެ އަސްލު ކުއްޔަކީ، އެމްޑީޕީ ސަރުކާރުގައި އިއުލާނުކުރި ކުލީގެ ދެ ގުނައާ ގާތްކުރާ ވަރުގެ ކުއްޔެއް ކަމަށެވެ.

ނަމަވެސް ކުރީގެ ހަބަރުތަކުންނާއި ރައްޔިތުންގެ މަޖިލީހުން ލިބެން ހުރި މައުލޫމާތާއި މި ފްލެޓުތައް އިމާރާތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ހުށަހެޅި އާރުޓީއައިތަކުން ލިބުނު ޖަވާބުގައި ހުރި މައުލޫމާތާއި ފްލެޓުގެ ކުއްޔާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ދައްކާފައިވާ ވާހަކަތައް ދިމާ ނުވެެ އެވެ. އަދި މި ފްލެޓުތަކުން ފައިދާ ނުލިބޭ ކަމަށް ބުނި ނަމަވެސް، ހިސާބުތަކުން ދައްކަނީ މި ފްލެޓުތަކުގެ ކުލި ހިނގާ 25 އަހަރުގެ ތެރޭގައި ސަރުކާރަށް ބިލިއަނުން ފައިދާވާ ތެނެވެ.

މުއްތޮލިބުގެ "ކްލެއިމް"

ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލި ބޮޑު ކުރިކަން މި ސަރުކާރުން އިއުލާންކުރީ، ފްލެޓު ލިސްޓުތަކުގެ ވެރިފިކޭޝަން ނިންމުމަށް ފަހު ލިސްޓުތައް އިއުލާނުކުރި ދުވަހު ރައީސް އޮފީހުގައި، މި އަހަރުގެ ފެބްރުއަރީ 27، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ދުވަހު ކުއްޔާ ގުޅޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަ ތިރީގައި ނަކަލުކޮށްފައި ވަނީ، ދެއްކެވި ވާހަކަ އޮޅުވާލީ ކަމަށް ނުބުނެވޭ ވަރަށް، އަކުރުންއަކުރަށް ފިލިންފިއްޔަށެވެ.

"ދެން އުފެދޭ ސުވާލަކީ ފްލެޓުތައް ހަވާލުކުރާއިރު، ކޮބައިތޯ ފްލެޓުތައް ލިބޭ އަގުތަކަކީ. އާދެ، 15 ނޮވެމްބަރު 2023 ގައި ކޮށްފައި އޮތް އިއުލާނުގައި ދެ ކޮޓަރި އާއި ތިން ކޮޓަރި ފްލެޓަށް ދައްކަން ޖެހޭ ކުލި ކަމަށް ބަޔާންކޮށް، އަދަދުތަކެއް އިއުލާންކޮށްފައިވޭ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަކަށް 5،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. ތިން ކޮޓަރީގެ އެޕާޓުމަންޓަކަށް 7،000ރ. އަދި މެއިންޓެނަންސަށް 1،000ރ. މި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމަންޓު ހަދާފައި ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން. އަދި ސަރުކާރުން މިހާތަނަށް ގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅާފައި ހުރި އަދަދަށް ބަލާފަ ވެސް ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން. މިސާލަކަށް ދަންނަވާ ކަމަށް ވަންޏާނުން ހިޔާ ފްލެޓު 7،000ރ. ކަމަށް ކަނޑައަޅާފައި އޮތީ. އެހެން ނަމަވެސް މީގައި ދެ ކޮޓަރީގެ އެޕާޓުމަންޓެއް މީގައި 5،000ރ. ކަމަށް ކަނޑައަޅާފައި. އެހެންވީމަ، އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީކީ އެންމެ ރަނގަޅަކަށް، އެންމެ އިންސާފުވެރިކޮށް ކަނޑައަޅާފައި ހުރި އަަގުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރުގައި، ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަަށް ޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައި އޮތް ލޯނަކުން، 85 ޕަސެންޓު ލޯނަކުން ކުރާ މަސައްކަތެއް މަސައްކަތަކީ، އެ ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާ ނަމަ، ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަން ޖެހޭ މަހު ކުއްޔަކަށް، ދެ ކޮޓަރި ފްލެޓަކުން 9،000ރ. ނަގަން ޖެހޭ. އެހެންމަ ސަރުކާރުން މިހާރު މި ކަނޑައެޅީ، އެއަށް ކޮންމެވެސް ވަރަކަށް ސަބްސިޑައިޒްކޮށްފައި، ދެ ކޮޓަރީގެ ފްލެޓަކުން ނަގާނީ 7،000ރ. އޭ، ހިޔާ ފްލެޓާ އެއް ގޮތަށް، އަދި ތިން ކޮޓަރީގެ ފްލެޓަކުން ނަގާނީ 9،000ރ. އޭ،" މުއްތޮލިބު ވިދާޅުވި އެވެ.

"ދައުލަތުން ހިންގާ މިފަދަ ބޯހިިޔާވަހިކަމުގެ މަޝްރޫއުތައް، ހިންގަން ޖެހޭނީ ވީހާ ވެސް ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަށް ކަމުގައިވާތީވެ، މި އަގުތައް ކަނޑައެޅީ. އެ ގޮތުން ސަރުކާރުން ހިސާބުތައް ޖަހައި، މިނިސްޓްރީ އޮފް ފައިނޭންސުން، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން މިހާރު ފާސްކޮށްފައިވާ އަދަދު މި ދެންނެވީ ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 7،000ރ. އަދި މެއިންޓެނަންސް ފީއަކަށް 1،000ރ.، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000ރ. ތިން ކޮޓަރީގެ އެޕާޓުމަންޓަކަށް މަހު ކުލީގެ ގޮތުގައި މަހަކު 9،000ރ.، މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 25،000ރ. މި ދެންނެވި އަދަދަށް ބަލާ ނަމަވެސް، ލޯނު ދެއްކުމަށް ޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒްކުރަން ޖެހޭ،"

ގެދޮރުވެރިޔާ ފްލެޓުތަކަށް ނެގި ލޯނުތައް

ގެދޮރުވެރިިޔާ ފްލެޓުތައް އިމާރާތްކުރަން ނެގި ލޯނުތަކުގެ ތަފުސީލީ މައުލޫމާތު ފެންނަން ހުރީ އޮކްޓޫބަރު 26، 2021 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޔައުމިއްޔާ އިންނެވެ. ގާނޫނުތައް އޮންނަ ގޮތުން ދައުލަތުން ޒިންމާވާ ގޮތަށް ނޫނީ ދައުލަތުން ޔަގީންކަންދޭ ގޮތަށް އެއްވެސް ލޯނެއް ނަގަންޏާމުން، އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން ޖެހެ އެވެ.

މާލިއްޔަތު ކޮމިޓީގައި ސަރުކާރުން ބުނީ، ގެދޮރުވެރިޔާ ފްލެޓު މަޝްރޫއުގެ ދަށުން 4000 ފްލެޓު އިމާރާތްކުރަން ސަރުކާރުން ގެެރެންޓީ ދީގެން އެފްޑީސީއަށް ދެ ލޯނެއް ނަގާފައި ވެ އެވެ. އެއީ ޖޭއެމްސީ (މިހާރު ޖޭއެމްސީ-ކަލަޕަޓްރޫ) އާ ހަވާލުކުރި 2000 ހައުސިން ޔުނިޓު އިމާާރާތްކުރަން ނެގި ލޯނާއި އެންބީސީސީއާ ހަވާލުކުރި 2000 ހައުސިން ޔުނިޓަށް ނެގި ލޯނެވެ. މި ލޯނުތަކުގެ ތަފުސީލުތައް ތިރީގައިވާ ފޮޓޮއިން ފެންނާނެ އެވެ.

އެންބީސީސީ ޕްރޮޖެކްޓު

  • ކޮންޓްރެކްޓު ކުރެވުނު ޖުމުލަ އަގު - 130 މިލިއަން ޑޮލަރު
  • ގެރެންޓީ ކުރެވުނު އަދަދު - 115 މިލިއަން ރުފިޔާ
  • ސޮއިކުރި ތާރީހު - ސެޕްޓެމްބަރު 23، 2021 ގައި
  • ލޯނުގެ ޖުމުލަ އަދަދަކީ - 110.5 މިލިއަން ރުފިޔާ
  • މެޗުއަރިޓީ - 15 އަހަރު
  • ގްރޭސް ޕީރިއަޑް - 3.5 އަހަރު
  • އިންޓްރެސްޓު ރޭޓު - 6 މަހުގެ ލައިބަލް ޕްލަސް 3.25
  • މެނޭޖުމަންޓު ފީ - ލޯނުގެ 0.5 ޕަސެންޓު
  • ކޮމިޓްމަންޓް ފީ - 0.5 ޕަސެންޓު
  • އެންއީއައިއޭ ޕްރީމިއަމް - 3 ޕަސެންޓު
  • އިންޓްރެސްޓުގެ ގޮތުގައި ހިނގާނެ ކަމަށް އަންދާޒާކުރެވޭ - 36.2 މިލިއަން ޑޮލަރު
  • އެހެނިހެން ފީގެ ގޮތުގައި ހިންގާނެ ކަަމަށް އަންދާޒާކުރެވޭ ޖުމުލަ ހަރަދު - 6.3 މިލިއަން ޑޮލަރު
  • ލޯނު ސާވިސްކުރުމަށް ހިންގާނެ ކަމަށް އަންދާޒާކުރެވޭ ޖުމުލަ ހަރަދު - 153 މިލިއަން ޑޮލަރު
  • ލޯނު އަނބުރާ ދައްކާ ނިމޭނެ ކަމަށް ބެލެވޭ ތާރީހު - 2036

ޖޭއެމްސީ-ކަލަޕަޓްރޫ ޕްރޮޖެކްޓު

  • ކޮންޓްރެކްޓު ކުރެވުނު ޖުމުލަ އަގު - 136 މިލިއަން ޑޮލަރު
  • ގެރެންޓީ ކުރެވުނު އަދަދު - 116.45 މިލިއަން ޑޮލަރު
  • ލޯނުގައި ސޮއިކޮށްފައިވާ ތާރީހު - ސެޕްޓެމްބަރު 23، 2021
  • މެޗުއަރިޓީ - 15 އަހަރު
  • ގްރޭސް ޕީރިއަޑް - 3.5 އަހަރު
  • އިންޓްރެސްޓު ރޭޓު - ހަ މަހުގެ ލައިބަލް ޕްލަސް 3.5 ޕަސެންޓު
  • މެނޭޖުމަންޓު ފީ - 0.5 ޕަސެންޓު
  • ކޮމިޓްމަންޓް ފީ - 0.5 ޕަސެންޓު
  • އިންޓްރެސްޓުގެ ގޮތުގައި ހިނގާނެކަމަށް އަންދާޒާކުރެވޭ ޖުމްލަ ހަރަދު - 38.6 މިލިއަން އެމެރިކާ ޑޮލަރު
  • އެހެނިހެން ފީގެ ގޮތުގައި ހިނގާނެ - 7.05 މިލިއަން ޑޮލަރު
  • ލޯނު ސާވިސްކުރުމަށް ހިނގާނެކަމަށް އަންދާޒާކުރާ ޖުމުލަ ހަރަދު - 162.1 މިލިއަން ޑޮލަރު
  • ލޯނު ދައްކާ ނިމޭނެ އަހަރު - 2036

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައުލޫމާތު ހޯދަން އަދަދު އިން އެފްޑީސީއަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި، އެ ކުންފުނިން ބުނީ ގެދޮރުވެރިޔާ ޕްރޮޖެކްޓު ކޮންޓްރެކްޓު ކުރެވުނީ 267 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށެވެ.

ނަމަވެސް، މި ޕްްރޮޖެކްޓަށް ފައިނޭންސް ކުރަން ނަގާފައިވާ ދެ ލޯނަށް 315 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހެ އެވެ. އަދި މި ތަނުގައި އެއްވެސް މީހަކު ދިރިއުޅެން ނުލިބި، އެފްޑީސީއަށް މިއިން ފްލެޓަކުން ބައި ލޯ ލާރިއެއް ވެސް ނުލިބެނީސް މި ލޯނުތަކުގެ ގްރޭސް މުއްދަތު ހަމަވެ، ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހެ އެވެ.

އެ ގޮތުން އެންބީސީސީ ޕްރޮޖެކްޓަށް ނެގި ލޯނު މިދިޔަ އަހަރު މާޗު މަހުން ފެށިގެން ދައްކަން ޖެހޭ އިރު، ޖޭއެމްސީ ޕްރޮޖެކްޓަށް ނެގި ލޯނު މި އަހަރުގެ މާޗު މަހުން ފެށިގެން ދައްކަން ޖެހޭނެ އެވެ. އާންމުކޮށް މިކަހަލަ ލޯނުތަކަށް ޕޭމަންޓުތައް ހަދަން ޖެހެނީ ކުއާޓަރަކު އެއް ފަހަރު ނޫނީ އަހަރުގެ ދެކޮޅުގަ އެވެ. އެކަމަކު ލޯނުތަކާ ގުޅިގެން ލިބެން ހުރި ސައްހަ މައުލޫމުތަކުގައި، މި ކަމާ ގުޅޭ މައުލޫމާތު ނެތުމުން، ލޯނުތަކަށް ފައިސާ ދައްކަމުންދާ ގޮތުގެ ތަފުސީލެއް ނުލިބެ އެވެ.

ޓަވަރެއް އިމާރާތްކުރުމުގެ އަގު

އެފްޑީސީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން 32 ޓަވަރު އިމާރާތްކުރާއިރު މިއިން ކޮންމެ ޓަވަރެއްގެ އަގަކީ އަށް މިލިއަން ޑޮލަރާއި ނުވަ މިލިއަން ޑޮލަރު ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 139 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 32 ޓަވަރު އަޅަން މި ހަރަދު ވަނީ 4.4 ބިލިއަން ރުފިޔާ އެވެ.

މިއީ ކޮންޓްރެކްޓަރަށް ދައްކާ ފައިސާ އެވެ. ނަމަވެސް މި ފްލެޓުތައް އިމާރާތްކުރުމުގެ އަސްލު އަގަކީ، މި ލޯނުތައް ދައްކަން ޖުމްލަ ހަރަދުވާ ވަރާއި އެފްޑީސީން އިކުއިޓީގެ ގޮތުގައި ޕްރޮޖެކްޓަށް އިންވެސްޓުކުރި ފައިސާ އާއި ޓަވަރުތަކުގައި މީހުންނަށް ދިރިއުޅުވޭނެ ވަސީލަތްތައް ގާއިމުކުރަން އިތުރަށް ހަރަދު ކުރަން ޖެހޭ ކަމަށް އެފްޑީސީން ބުނާ ފައިސާ ހިމަނައިގެން އަންނަ އަދެދެކެވެ.

ގެދޮރުވެރިޔާ ފްލެޓުތައް ނިންަމަން އިތުރަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރި ޓްވީޓު


އެގްޒިމް ބޭންކުން ނަގާފައިވާ ދެ ލޯނަށް އިންޓްރެސްޓާއި އެހެނިހެން ފީތައް ހިމަނައިގެން އަނބުރާ ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 4.8 ބިލިއަން ރުފިޔާ އެވެ. އެފްޑީސީން އިކުއިޓީގެ ގޮތުގައި އިންވެސްޓުކުރީ 616 މިލިއަން ރުފިޔާ އެވެ. އެހެނިހެން ވަސީލަތްތައް ގާއިމުކުރަން ހަރަދުވާނެ ކަމަށް ބުނީ 454 މިލިއަން ރުފިޔާ އެވެ.

މި ހުރިހާ ހަރަދެއްގެ ޖުމްލައަކީ 5.9 ބިލިއަން ރުފިޔާ އެވެ. މިހެންކަމުން މިއިން ކޮންމެ ޓަވަރެއްގެ އަސްލު އަގަކީ 183 މިލިއަން ރުފިޔާ އެވެ.

ފްލެޓުތަކުގެ ކުރީގެ ކުލި، މިހާރުގެ ކުލި، ކުލިން ލިބޭ އާމްދަނީ

ދެން އޮތީ މި ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުން އިއުލާނުކުރި އަގާއި މި ސަރުކާރުން އިއުލާނުކުރި އަގާއި އަސްލު އަގުކަމަށް މި ސަރުކާރުން ބުނާ އަގުތަކުގައި މަހެއްގެ މައްޗަށް ސަރުކާރަށް ލިބޭ އާމްދަނީ ހިސާބުކުރުމެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި އަގުތަކުގައި، ދެ ކޮޓަރީގެ 1200 ޔުނިޓާއި ތިން ކޮޓަރީގެ 2800 ޔުނިޓުތަކުގައި ދިރިއުޅޭ އެންމެން ގަވާއިދުން ކުލި ދައްކާ ނަމަ އެފްޑީސީއަށް ކުލި އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 25.6 މިލިއަން ރުފިޔާ ލިބެ އެވެ. މި ސަރުކާރުން ދޭން އުޅޭ އަގުތަކުގައި ކުލި އާމްދަނީގެ ގޮތުގައި މަހަކު 33.6 މިލިއަން ރުފިޔާ ލިބެ އެވެ. އަސްލު އަގު ކަމަށް ބުނާ އަގުގައި 47.2 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ލިބެ އެވެ.

މި އަދަދުތައް އަހަރަކަށް ހިސާބުކުރުމުން:

  • ކުރީގެ ކުލި ރޭޓުގައި އެފްޑީސީއަށް އަހަރަކު 307 މިލިއަން ރުފިޔާ ލިބޭ
  • މިހާރުގެ ކުލި ރޭޓުގައި އެފްޑީސީއަށް އަހަރަކު 403 މިލިއަން ރުފިޔާ ލިބޭ
  • "އަސްލު" ކުލި ރޭޓުގައި އެފްޑީސީއަށް އަހަރަކު 566 މިލިއަން ރުފިޔާ ލިބޭ

މިއީ ހަމައެކަނި މީހުން ދިރިއުޅޭ ތަންތަނުން ލިބޭ އާމްދަނީ އެވެ. އެފްޑީސީން ބުނެފައިވާ ގޮތުގައި މި ތަންތަނުގައި 150 އާއި 200 އާ ދޭތެރޭގެ އަދަދަކަށް ކޮމާޝަލް ޔުނިޓުތައް ހުރެ އެވެ. އެކަމަކު މި ތަންތަން ކުއްޔަށް ދޭ އަގުތަކެއް އަދި ނުބުނެ އެވެ.

އެހެންވެ، މި ތަންތަނުން ލިބޭ އާމްދަނީ ހިސާބުކުރަން އަސްލު ކުލި ރޭޓު ބޭނުން ނުކުރެވޭތީ، ގެދޮރުވެރިޔާ ފްލެޓުތަކުން އެފްޑީސީއަށް ލިބޭ އާމްދަނީ ހިސާބުކުރަން، ކޮމާޝަލް ޔުނިޓުތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކުލި އާމްދަނީ ނުހިމަނަމެވެ.

ހަރަދުތައް ދެކޮޅު ނުޖެހޭތަ؟

މިނިސްޓަރު މުއްތޮލިބުު ވިދާޅުވެފައިވާ ގޮތުގައި މިހާރު ފްލެޓުތައް މިހިރީ ސަބްސިޑައިޒް އަގުތަކެއްގަ އެވެ. އަދި މިހާރު ކަނޑައަޅާފައި ހުރި ކުލީގައި ވެސް ލޯނުތައް ދައްކަން ކޮންމެ އަހަރަކު 100 މިލިިއަނެއްހޭ ރުފިޔާ ސަރުކާރުން ލާންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ލޯނުތައް އަނބުރާ ދައްކަން ލިބޭ 15 އަހަަރުގެ މުއްދަތުގެ ތެރޭގައި، އަހަރެއްގެ މައްޗަށް ލޯނުތައް ދައްކަން ހަރަދު ވަނީ ކިހާ ވަރެއް ކަމެއް ނޭނގެ އެވެ. މިހެންކަމުން މިނިސްޓަރު އެ ވިދާޅުވާ 100 މިލިއަން ރުފިޔާ ސަރުކާރުން ފައިނޭންސް ކުރަން ޖެހޭތޯ ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ.

ނަމަވެސް، ގެދޮރުވެރިޔާ ފްލެޓުތަކުގެ ކުލި ހިނގާ 25 އަހަރުގެ މުއްދަތުގެ ތެރޭގައި ފްލެޓުތަކުން ލިބޭ ކުލި އާމްދަނީން އެކަނި އެފްޑީސީއަށް ބޮޑު ފައިދާއެއް ލިބޭ ކަން ވަރަށް ސާފެވެ. އެއީ ހުރިހާ ހަރަދެއް ހިމަނައިގެން މި 32 ޓަވަރު އިމާރާތްކުރަން ހަރަދުވީ 5.9 ބިލިއަން ރުފިޔާ އެވެ.

މިހާރު ކަނޑައަޅާފައިވާ ކުއްޔަށް ބަލާއިރު 15 އަހަރުގެ ތެރޭގައި ހަމައެކަނި އެޕާޓުމަންޓުތަކުން އެފްޑީސީއަށް ހަ ބިލިއަން ރުފިޔާ ލިބެ އެވެ. އަދި 25 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް 10 ބިލިއަން ރުފިޔާ ލިބެ އެވެ. މިހެން ކަމުން މިހާރު އެ ފްލެޓުތަކުން ލިބޭ އާމްދަނީން، ކޮމާޝަލް ޔުނިޓުތަކުން ލިބޭ އާމްދަނީ ނުހިމަނައި، އެފްޑީސީއަށް ހަތަރު ބިލިއަން ރުފިިޔާގެ ފައިދާއެއް ލިބެ އެވެ.

ސަރުކާރުން އެ ބުނާ "އަސްލު" ކުލި ރޭޓުތަކުގައި ހިސާބުކުރުމުން، އެފްޑީސީއަށް 25 އަހަރުގެ ތެރޭގައި ލިބޭ އާމްދަނީ 14.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ރޭޓުގައި އެ ކުންފުންޏަށް ލިބޭ ފައިދާ 8.2 ބިލިއަން ރުފިޔާއަށް އިތުރު ވެގެންދެ އެވެ.

މާ ކުޑަ ކަމަށް ސަރުކާރުން ބުނާ ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތް ރޭޓުން ހިސާބު ކުރިޔަސް އެފްޑީސީއަށް ފައިދާ ވެ އެވެ. އެ ރޭޓުތަކުގައި 25 އަހަރުގެ ތެރޭގައި އެފްޑީސީއަށް 7.6 ބިލިއަން ރުފިޔާ ލިބެ އެވެ. އެއީ 1.7 ބިލިއަން ރުފިޔާގެ ފައިދާއެކެވެ.

ސަރުކާރަށް ބިލިއަނުން ފައިދާ

ގެދޮރުވެރިޔާގެ ފްލެޓުތަކުގެ ކުލި މައްސަލައިގައި އެއްކުރި ހުރިހާ މައުލޫމާތުގެ މައްޗަށް އަދަދު އިން ޖެހި ހިސާބުތަކުން، ކުއްޔާ ބެހޭ ގޮތުން ސަރުކާރުން މި ދައްކާ ވާހަކައިގައި ފެން ނުހިފަ އެވެ.

މި ސަރުކާރުން އެ ބުނާ ގޮތަށް މިހާރު ކުލި ކަނޑައަޅާފައި ވަނީ ފައިދާއެއް ނުލައި ސަބްސިޑައިޒް ރޭޓުތަކަކަށް ވާނީ މިހާތަނަށް ހާމަނުކުރާ ހަރަދުތަކެއް މި ޕްރޮޖެކްޓުގެ ތެރެއިން ހިންގާފައިވާ ނަމަ އެވެ. އެކަމަކު މި ފަދަ އެއްވެސް ހަރަދެއް ހިނގާފައިވާ ކަމަކަށް ފެންނާކަށް ނެތެވެ. އަދި އެފަދަ ހަރަދެއް ހިނގި ކަމަކަށް ސަރުކާރާއި އެފްޑީސީން ވެސް ނުބުނެ އެވެ.

ކަން މިހެން ހުރި އިރު، ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުތަކަކީ، ރަނގަޅު އަގު ކަމަށް ބުނެ ސަރުކާރުން އޮޅުވާލަނީ އެވެ. އަދި އެ ބުނާ ގޮތަށް ލޯނު ދައްްކަން އަހަރެއްގެ މައްޗަށް ހަރަދު ކުރަން ޖެހޭ ވަރު ކުލި އާމްދަނީން ނުލިބޭ ކަމަށް ބުނާ ކަމުގައި ވަނީ ނަމަ، ގެދޮރުވެރިޔާ ފްލެޓުތައް އަޅަން އެގްޒިމް ބޭންކުން ނެގި ލޯނުތައް އަނބުރާ ދައްކަން ހަރަދުވާ ވަރު ސަރުކާރުން ހާމަކުރަން ޖެހެ އެވެ.

ހަމަ ޔަގީނުން ވެސް މިހާރު ހުރި އަގުތަކުން ސަރުކާރަށް ބިލިއަނުން ފައިދާ ވެ އެވެ. މިއީ ސައްހަ މައުލޫމާތުން ދައްކުވައިދޭ ސާފު ހަގީގަތެވެ.