22 ޖުލައި 2025 - 07:55 0
22 ޖުލައި 2025 - 07:55 0
މެންޗެސްޓާ (ޖުލައި 22) - މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ކެމަރޫންގެ ފޯވާޑް، ބްރަޔާން އެމްބެއުމޯގެ ޑީލް ހައިޖެކްކުރަން ޗެލްސީން މަސައްކަތް ކުރި ވާހަކަ އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ވަނީ ދޮގުކޮށްފި އެވެ.
ޔުނައިޓެޑުން އެމްބެއުމޯގެ ސޮއި ހޯދީ ތިން ވަނަ ބިޑެއް ކާމިޔާބުކޮށްގެންނެވެ.
އުމުރުން 25 އަހަރުގެ އެމްބެއުމޯ ގަންނަން ޔުނައިޓެޑުން ފުރަތަމަ ކުރި ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޔުނައިޓެޑުން ފުރަތަމަ ކުރި 75 މިލިއަން ޑޮލަރުގެ ބިޑު ބްރެންޓްފޯޑުން އަނބުރާ ފޮނުވާލިއިިރު، ދެ ވަނަ އަށް ކުރި ބިޑްގެ ޖުމްލަ އަގަކީ، 81 މިލިއަން ޑޮލަރު އެވެ. އެމްބެއުމޯގެ ސޮއި ހޯދަން ޔުނައިޓެޑުން ކުރި ބިޑްގެ އަގު އުޅެނީ، 80 މިލިއަން ޑޮލަރުގަ އެވެ. އަދި، އެމްބެއުމޯ، ޔުނައިޓެޑުގައި ހުރެ ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު ފަސް މިލިއަން ޑޮލަރު ދައްކާނެ އެވެ.
އިނގިރޭސި ބައެެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ވަނީ ފަހު ވަގުތު އެމްބެއުމޯގެ ޑީލް އެ ޓީމު ކޮޅަށް އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ޗެލްސީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
ފްރާންސުގެ ޓްރޮއީސް އިން 2019، ގައި ބްރެންޓްފޯޑާ ގުޅުނު އެމްބެއުމޯ، އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ އޮތީ އަހަރެކެވެ. މިދިޔަ ސީޒަަނަކީ، ބްރެންޓްފޯޑުގައި އެމްބެއުމޯގެ އެންމެ ރަނގަޅު އަހަރެވެ. އެ ގޮތުން، 20 ގޯލު ޖެހުމުގެ އިތުރުން، އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އޭނާ ޔުނައިޓެޑާ ގުޅުނީ، ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި، އެ އެއްބަސްވުމުގައިވާ ގޮތުން، ދެ ފަރާތުން އެދޭ ކަންތައްތަކެއް ހާސިލްވެއްޖެނަމަ، އިތުރު އެއް އަހަރު ކޮންޓްރެކްޓަށް އިތުރު ކުރެވޭ ގޮތަށް މާއްދާއެއް ވަނީ ހިމަނައިފަ އެވެ.
Comment