Advertisement

ކަރަންޓު ކެނޑި މުޅި އައްޑޫ އަނެއްކާ ވެސް ހުއްޓުމަކަށް

21 ޖުލައި 2025 - 12:36 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އައްޑޫއިން ކަރަންޓު ކެނޑުމުން މީގެކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން


ކަރަންޓު ކެނޑި މުޅި އައްޑޫ އަނެއްކާ ވެސް ހުއްޓުމަކަށް

21 ޖުލައި 2025 - 12:36 0

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި އެ ސިޓީ އަނެއްކާ ވެސް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އަދަދު އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާތާ އިރުކޮޅެއް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ހިދުމަތެއް ހުއްޓިފައިވާ ކަމަށެވެ.

"އެއާޕޯޓު ހުއްޓިފައި، ޕޮލިސްގައި ކަރަންޓެއް ނެތް، އިމިގްރޭޝަންގައި ކަރަންޓެއް ނެތް، ކައުންސިލުގައި ވެސް ކަރަންޓެއް ނެތް. ދެން ކިހިނެއްތޯ އެއްވެސް ހިދުމަތެއް ރައްޔިތަކަށް ލިބޭނީ،" ނިޒާރު ވިދާޅުވި އެވެ.

ކަރަންޓު ނުކެނޑޭތާ ދެތިންމަސް ފަހުން އަނެއްކާ ވެސް ކަރަންޓު ކެނޑެން ފެށުނީ ސަރުކާރުން އަޅާނުލާތީ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ސަރުކާރުން އެއްވެސް ކަމެއް ނުދޭ، އަޅައެއް ނުލާ. މިކަމުގައި ރައްޔިތުންނަށް ހައްލެއް ހޯދައިދޭން އެއްވެސް މަސައްކަތެއް ކުރަމުން ނުދޭ. އެއީ ކަންބޮޑުވުމެއް،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ.

މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ. އަދި، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް މަދުވި އެވެ.

އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ބީރު ކަންފަތެއް ދީ ބޭރުކޮށްލީ އެވެ.