Advertisement

އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަަނީ

20 ޖުލައި 2025 - 22:05 1

އަމަން ހަލީމް

އަމަން ހަލީމް

އެސްޑީއެފްސީގެ ލޯގޯ: މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ބޭންކު


އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަަނީ

20 ޖުލައި 2025 - 22:05 1

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެޖޯރިޓީ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ވަޒީރުންގެ މަޖިލީހުން މި ގޮތަށް ނިންމީ އެސްޑީއެފްސީގެ ހިއްސާ ގަތުމަށް ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ކަމަށެވެ. އަދި މިކަމަށް އަންނަ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން މި ގޮތަށް ނިންމާފައި މި ވަނީ މީގެ ކުރިން ވެސް އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް އަރާފައި ވަނިކޮށެވެ. އެކަމަކު އޭރު ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.

އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލި ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލްގެ މާލީ ގާބިލުކަމުގެ ތެރެއިން ލޯނު ލިބެމުން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގޮތުން އެސްޑީއެފްސީ ގަތުމަށް ފަހު، ފުރަތަމަ އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500 މިލިއަން ރުފިޔާ އަދި ކުރިއަށް ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާ ދޫކުރަން ބީއެމްއެލްއިން ހުށަހެޅި ކަމަށް ސަރުކާރުން ބުންޏެވެ. އަދި އަލަށް ފަށާ ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ތަން ހިނގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިޓިއުޓެއް ގޮތުގައި، ޑިޖިޓަލް ބޭންކިން ނިޒާމުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އިންޓްރެސްޓު ރޭޓުތައް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ. އަދި މި ނިންމުމާ އެއް ގޮތަށް ކަންކަން ހަމަޖެހިގެން ދިޔުމުން ބީއެމްއެލްގެ ވިއުގަ މެދުވެރުކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ފައިނޭންސިން ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ހާއްސަ މާލީ ވުޒާރާއެެއް އުފެއްދުމުގެ މަގުސަދުގައި ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން 2019 ގައި އުފެއްދި ބޭންކެކެވެ. އެ ބޭންކުން ވަނީ މިވީ ހަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަކަށް ލޯނު ދޫކޮށްފަ އެވެ.