Advertisement

ބްރިޖުގައި ސައިކަލުން ދަނިކޮށް މީހެއްގެ ކަރުގައި ކަންވާރެއް އެޅި ނުރައްކާތެރި ހާދިސާއެއް ހިނގައިފި

20 ޖުލައި 2025 - 12:53 10

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކަންވާރު އެޅިގެން އަނިޔާވި މީހާގެ ކަރު: އެ މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި -- ފޮޓޯ: ކިޔުންތެރިއެއް


ބްރިޖުގައި ސައިކަލުން ދަނިކޮށް މީހެއްގެ ކަރުގައި ކަންވާރެއް އެޅި ނުރައްކާތެރި ހާދިސާއެއް ހިނގައިފި

20 ޖުލައި 2025 - 12:53 10

ސައިކަލުގައި ސިނަމާލެ ބްރިޖު ހުރަސް ކުރި މީހެއްގެ ކަރުގައި ކަންވާރެއް އެޅި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ އަދަދު އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ އިތުރުން އިތުރު ދެ މީހެއްގެ ކަރުގައި ވެސް އެ ކަންވާރު އެޅުނު ކަމަށެވެ.

"ފުރަތަމަ ކަންވާރު އެޅުނީ އަހަރެން ކަރުގަ. ދެން ފަހަތުން އައި ދެމީހެއްގެ ކަރުގައި ވެސް އެޅުނު. އެކަމަކު ވަކި ހިސާބަކުން ކަންވާރު ކަނޑައިގެން ހިނގައްޖެ ސައިކަލު ހުއްޓުމުގެ ކުރިން،" އޭނާ ބުންޏެވެ.

އުމުރުން 33 އަހަރުގެ އެ ޒުވާނާ ބުނީ ބްރިޖުގެ ވަކި ހިސާބެއްގައި ބައި ފޫޓުގެ ވަރުގެ ބޮޑު ވަދެއް އޮތް ކަމަށެވެ. އިރުކޮޅެއް ވަންދެން އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ ފަހަތުން އައި މީހަކު އެ ވަދު ނަގައިގެން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކިހިނެއް ވީ ހެއްޔޭ އަހާލާފަ އޭނަ ގޮސްފި އެ ވަދު ހިފައިގެން. އެއިރު ގަޑިން ރޭގަނޑު 8:30 ވާނީ،" ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

ކަންވާރު އެޅުމުގެ ސަބަބުން އޭނާގެ ކަރު ވަރަށް ބޮޑަށް ކަނޑައިގެންދިޔަ އެވެ. އޭނާ ބުނީ ކަރުން ގާތްގަނޑަކަށް ނުވަ އިންޗި ކަނޑައިގެންދިޔަ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ބެލެވޭ ގޮތުގައި ކަރުގައި އަޅައިގަތީ ބްރިޖު ތިރީގައި މަސް ބާނަން ހުރި މީހެއް ބޭނުން ކުރި ކަންވާރެއް ކަމަށެވެ. ބްރިޖުގެ ތަނބުތަކާ ދިމާލުގައި މަސް ބާނަން ތިބޭ މަންޒަރު ބައެއް ފަހަރު ފެނެ އެވެ.

"ފުލުހުންނަށް ހުށަހެޅީ މައްސަލަ އަސްލު، އެފަދަ ކަމެއް ހިނގީމާ ފުލުހުންގެ ސަމާލުކަމަށް ގެންނަން. ދެން އެގޮތަށް ބްރިޖުގެ ތިރީގައި މަސް ބޭނުމަކީ ރައްކާތެރިކަމެއް ނޫންކަން އަންގައިދިނުމަށް. އަދި މަސް ބޭނި މީހުން ހޯދަން،" އޭނާ ބުންޏެވެ.