19 ޖުލައި 2025 - 18:55 2
ލީވާން އަލީ ނާސިރު
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: އަދަދު
19 ޖުލައި 2025 - 18:55 2
މާލޭ ލޮނުޒިޔާރަތް މަގުގައި މީހަކަށް ވަޅިން ބިރު ދައްކައި ފޭރި އަދި ފުލުހުންނާ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖައިން މުހައްމަދު، 23، އަދި ހ. ކަނޑުފިނިގެ، މުހައްމަދު ޝަފީއު، 55، ކަމަށެވެ.
ފުލުހުން ބުނީ މީހަކަށް ވަޅިން ބިރުދައްކައި ތަނަކަށް ވެއްދުމަށްފަހު، އެމީހާގެ އެކައުންޓުން ލުޖައިން އަދި ޝަފީއު ވަނީ 200ރ. ފޭރިގަނެ، އެހެން އެކައުންޓަކަށް ފޮނުވާފައި ކަމަށެވެ.
އެ ރިޕޯޓު ލިބުމުން ފުލުހުން އެތަނަށް ދިޔައިރު، ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.
ތުހުމަތު ކުރެވޭ މީހުން ތިބި ގެއަށް ފުލުހުން ވަންނަން މަސައްކަތް ކުރުމުން ފުލުހުންނާއި މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ލުޖައިން އަދި ޝަފީއު ހުރަސް އެޅި ކަމަށް ފުލުހުން ބުނެ އެވެ.
ލުޖައިން އަދި ޝަފީއު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ހައްޔަރުކުރަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެގެން ފަރުވާދިން ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ފޭރުނު މައްސަލަ އަދި ފުލުހުންނަށް ހަމަލާދީ ވާޖިބަށް ހުރަސް އެޅި މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Comment